ބައިވެރިޔާއަށް ނަމަވެސް ނަޞޭޙަތް ދިނުމަކީ ސިއްރުން ކުރަންޖެހޭ ކަމެއް! ގިނަވާނީ އެހެން މީހުންނަށް އަޑުއިވުމުން ރުޅިއައިސް ފުރަގަސްދޭ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބައިވެރިޔާއަށް ނަމަވެސް ނަޞޭޙަތް ދިނުމަކީ ސިއްރުން ކުރަންޖެހޭ ކަމެއް! ގިނަވާނީ އެހެން މީހުންނަށް އަޑުއިވުމުން ރުޅިއައިސް ފުރަގަސްދޭ މީހުން!

ބައެއް މީހުން މީހުންނަށް ނަޞޭޙަތްދެނީ އަނެކާ އެތައްބައެއްގެ ތެރޭގަ ހުއްޓައެވެ. އެތައް ބައަކަށް އަޑުއިވޭނެ ގޮތަށެވެ! އެއިރުން ގިނަ މީހުން އަންނާނީ ރުޅިއެވެ. ކުރާނީ ނަފްރަތެވެ. އިޞްލާޙްވުމުގެ ބަދަލުގައި ދޭނީ ފުރަގަހެވެ. ނަޞޭޙަތްދޭންވާނީ ސިއްރުން އެމީހަކަށެވެ. ޤަބޫލުކުރަން ފަސޭހަވާނީ އެއިރުންނެވެ!

ޙަޔާތުގެ ބައިވެރިޔާއަށް ނަމަވެސް ނަބޭޙަތްދޭނަމަ މިކަމަށް ސަމާލުކަންދޭންވާނެއެވެ! ނަޞޭޙަތްދޭންވާނީ އެހެން މީހަކަށް ނުއެނގޭނެ ގޮތަށް ސިއްރުންނެވެ. ނޫންނަމަ ކަންތައް މެދުވެރިވުން ގާތީ ކުރިން މިބުނި މަގުންނެވެ.

ނަޞޭޙަތަކީ ކޮންމެ މީހަކަށްވެސް ބޭނުންވާ އެއްޗެކެވެ. އަދި ދޭންޖެހޭވެސް އެއްޗެކެވެ. ނަޞޭޙަތުގެ އަޞްލަށް ބަލައިފިނަމަ އެއީ ހަނދާންކޮށްދިނުމެކެވެ. މުސްލިމުންނަށް އެމީހުން ކުރަންޖެހޭ ކަންކަމާއި ކޮށްގެން ނުވާނެކަންކަން އެނގޭނެއެވެ. އެހެންކަމުން ކުރަންޖެހޭ ކަންކަން ނުކުރެވެނީ އަދި ކޮށްގެން ނުވާނެ ކަންކަން ކުރެވޭ އެންމެ ބޮޑު އެއްސަބަބަކީ ހަނދާންނެތުމެވެ. ނުވަތަ ފަރުވާކުޑަކުރެވުމެވެ. ހަނދާންކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޙައްޤުތަކުގެ ތެރެއިން ތިންވަނަ ކަމަކީ އޯގާތެރިކަމާއެކު އޭނާގެ އަޚާއަށް ނަސޭހަތް ދިނުމެވެ. ނަޞޭޙަތް ދިނުމަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤަކަށްވުމުން އެކަމުގައި ނަޞޭޙަތްދޭ ޟިހާގެ ދަރަޖައަށް ބެލުމެއް ނެތެވެ.

ނަސޭހަތް ދިނުމަކީ އޭނާގެ މުސްލިމު އަޚާދެކެ ލޯބިވާކަން އަންގައިދޭ ކަމެކެވެ. އޭނާގެ އަޚާދެކެ ލޯބިވާތީ، އެއަޚާއަށް ހުރިހާ ކަމެއްގައިމެ، ހެޔޮގޮތް ވުމަށް އެދެއެވެ. އަދި އޭނާގެ އަޚާއަށް ދެރައެއް ލިބިދާނެކަމަށްޓަކައި ބިރުގަނެއެވެ.

ނަސޭހަތްދޭ މީހާއަކީ ދީނުގައި ވަރަށް މަތިވެރި މަޤާމެއް ލިބިގެންވާ މީހެކެވެ. އެހެނީ އޭނާއެކުރަނީ ﷲ ތަޢާލާގެ އަމުރުފުޅަށް ނަބީބޭކަލުންނާއި ރަސޫލްބޭކަލުން ކުރެއްވެވި ކަމެކެވެ. މިހާރު އެކަންކުރަންތިބީ އަހަރެމެންނެވެ. އެކަކު އަނެކަކަށް ނަޞޭޙަތް ދިނުމަކީ އެކަމުގެ ފައިދާ އެމީހަކަށް ވެސް ކުރާނެ ކަމެކެވެ. އެހެނީ ފުތަމަކަމަކަށް ނަޞޭޙަތްދިން ކަމުގެ މައްޗަށް ޘަވާބު ދެއްވަވާނެތެވެ. ދެވަނަކަމަކަށް ނަޞޭޙަތްދިނުމުން އެމީހާ އިޞްލާޙްވެއްޖެނަމަ އެކަމަށްވެސް ޘަވާބު ދެއްވަވާނެތެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން