ޝަރުޠުހަމަވާގޮތަށް ދުޢާކުރުމަށްފަހު ކަންބޮޑުނުވޭ! ވަގުތުން ﷲ ތަޢާލާގެ ޙަޟްރަތަށް ނުފޯރާ، އައްސަވައިވޮޑިގެންނުވާ އަދި ޢިޖާބަނުކުރައްވަވާ ދުޢާއެއް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޝަރުޠުހަމަވާގޮތަށް ދުޢާކުރުމަށްފަހު ކަންބޮޑުނުވޭ! ވަގުތުން ﷲ ތަޢާލާގެ ޙަޟްރަތަށް ނުފޯރާ، އައްސަވައިވޮޑިގެންނުވާ އަދި ޢިޖާބަނުކުރައްވަވާ ދުޢާއެއް ނުކުރެވޭނެ!: މުފްތީ މެންކް

މީސްތަކުންނަށް ކުރެވޭ އެންމެ ބޮޑު ފާފައަކީ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިލުމެވެ. އެއީ ފާފަފުއްސެވުންކަމުގައިވީނަމަވެސް އަދި އެދޭ ކަންކަން ހިންމަވައި ދެއްވެވުން ލަސްވެގެން ނަމަވެސްމެއެވެ. އަދި ކުރަން މަސައްކަތްކުރާ ކަންކަން ކާމޔާބުނުވުމުންކަމުގައިވީނަމަވެސްމެއެވެ.

ތިބާގެ ހިތުގައި އީމާންކަން ފުރިހަމަވާނަމަ އެންމެ ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ ދެއްވަވާ ރަޙްމަތަކާއިމެދު ވިސްނައި އުފާކުރުމެވެ. އެހެނެއް ކަމަކު އަބަދުވެސް ގިނަބައަކަށް ވިސްނެނީ ޙާޞިލް ނުކުރެވި ހުންނަ ކަންކަމާއިމެދުގައެވެ.

ކުރަން އޮތް ފުރަތަމަ ކަމަކީ ކިތަންމެ ގނައިން ފާފަކުރެވިފައިވީނަމަވެސް ތިމާގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެކަމަށް ހީވެސް ނުކުރުމެވެ. އެއީ ޝަރީކުރަމުންއައި މީހެއް ކަމުގައިވީނަމަވެސްމެއެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ވަގުތުން އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވައެވެ. އެއީ ހަމަ އެކަމަށް އެދޭ ވަގުތު ހިންމަވައިދެއްވަވާ ކަމެކެވެ. އެންމެ ފަޅި ސިކުންތެއްވެސް ލަސްވުމެއް ނެތިއެވެ.

ވިސްނާށެވެ! ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެއްޖެކަމަށް ޤަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އިންސާނުން ކިތަންމެ ގިނައިން ދުޢާކުރިނަމަވެސް ކުރާ ކޮންމެ ދުޢާއެއް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދެއެވެ. އެކަލާނގެ ޙަޟްރަތުގައި ދަފްތަރުކުރެވެއެވެ. އަދި ޢިޖާބަވެސް ކުރައްވަވައެވެ. އެކަން އެމީހަކަށް އެންމެ ރަނގަޅުވާނެ، ފައިދާކުރާނެ ވަގުތުގައި ހިންމަވައިވެސް ދެއްވަވަތެވެ. ބައެއް ކަންކަން ދުނިޔޭގައި ހިންމަވައި ނުދެއްވަވައި އާޚިރަތް ދުވަހުވެސް ހިންމަވައި ދެއްވަވަތެވެ. ވީމާ ތިމާކުރި ދުޢާ ޢިޖާބަ ނުކުރެއްވެވިކަމަށް ވިސްނައިގެންވެސް ނުވާނެއެވެ.

މިކަންކަން ޤަބޫލުކުރެވޭނަމަ މާޔޫސްވާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ﷲ ތައާލާގެ ޙަޟްރަތުން އުންމީދު ކަނޑާލަންޖެހޭނެ އެއްވެސް ޙާލަތެއްވެސް އޮވެގެންނުވާނެއެވެ.

ޤިޔާމަތް ދުވަހު މީސްތަކުން ސުވަރުގެވައްދަވައި ނިމުމުން، އެމީސްތަކުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެއެވެ. އެއީ ލޮލަށް ފެނުމަކާއި ނުލައި ﷲ ތަޢާލާއަށް ކިޔަމަންތެރިވީތީއެވެ. ﷲ ތައާލާ ދެކެ ލޯބިވީތީއެވެ. ﷲ ތަޢާލާއަށް އީމާންވެ އަޅުކަންކުރީތީއެވެ.

މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން