އަމީރު މުޢާވިޔާތު 17: ޔަޒީދު ވަލީހައްދަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅު

ކިޔުމަށް ހޭދަވާނީ 3މ 49ސ
އަމީރު މުޢާވިޔާތު 17: ޔަޒީދު ވަލީހައްދަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅު

ޢަލީ އިޙްޞާން ފިރާޤް

 

ޔަޒީދު ވަލީއަހްދަކަށް އިސްކުރެއްވުން: 

ހަމަ އެއަހަރު، ހިޖުރައިން 50 ވަނަ އަހަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީއެއްކަމުގައިވާ މުޣީރަތު ބިން ޝުޢުބާ، ކޫފާއިން ދިމިޝްޤަށް ވަޑައިގެން  އަމީރު މުޢާވިއްޔާ އާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. [މަދީނާގައި އުސްމާން ޣަނީ ޝަހީދުވެވަޑައިގެންނެވި ޙާދިޘާ އަޅުގަނޑު ރަނގަޅަށް ދެކެވަޑައިގަތީމުއެވެ. އޭގެ ސަބަބުން އިސްލާމީ އުންމަތުގެ ތެރޭގައި އުފެދިގެންދިޔަ ފިތުނަވެރިކަން އަޅުގަނޑު ދުށީމެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ކަލޭގެފާނަށްފަހު ރަސްކަން ކަލޭގެފާނުގެ ދަރިކަލުންނަށް ލިބޭނެ ގޮތަށް އޭނާ ވަލީއަހްދަކަށް ހައްދަވަންވީއެވެ.] 

އަމީރު މުޢާވިއްޔާ ދުވަހަކުވެސް އެކަލޭގެފާނުގެ ދަރިކަލުން ޚަލީފާއަކަށް ޚިޔާލުފުޅެއް ނުކުރައްވައެވެ. މުޢާވިޔަތުގެފާނު، މުޣީރާއަށް ދެންނެވިއެވެ.  [އަހަރެންގެ ދަރިފުޅުގެ ޚިލާފަތަށް މީސްތަކުން ބައިއަތު ހިފައިފާނެ ހެއްޔެވެ؟] މުޣިރާ ވިދާޅުވިއެވެ.  [ ތިޔައީ ކުރެވިދާނެ ކަމެކެވެ. އަޅުގަނޑު ކޫފާގެ ރައްޔިތުންނަށް ޔަޒީދަށް ބައިއަތު ހިފުމަށް ބާރުއަޅާނަމެވެ. ޒިޔާދު ބިން އަބީސުފްޔާން ބަޞްރާގެ ރައްޔިތުންނަށް ބާރުއަޅުއްވާނެއެވެ. މައްކާއާއި މަދީނާގެ ރައްޔިތުންނަށް މަރްވާން ބިން ޙަކަމް އަދި ސަޢީދު ބިން ޢާސް ބާރުއަޅުއްވާނެއެވެ. ޝާމުކަރައަށް ބަލާއިރު އެތަނުގައި އެއްވެސް މީހަކު އިދިކޮޅު ހެދުމުގެ ފުރްޞަތެއް ނެތެވެ. މިއަޑު އައްސަވައި، މުޢާވިޔަތުގެފާނު، ޔަޒީދު ވަލީއަހްދަކަށް ހެއްދެވުމަށްޓަކައި ބައިއަތު ހިއްޕެވުމަށް މުޣީރަތު ކޫފާއަށް ފޮނުއްވިއެވެ. 

ހަމަ މި ހާދިސާ އެހެން ރިވާޔަތެއްގައި އައިސްފައިވަނީ މިދަންނަވާ ފަދައިންނެވެ. އަމީރު މުޢާވިޔާ ކޫފާގެ ގަވަރުނަރު މުޣީރަތު ބިން ޝުޢުބާއަށް ލިޔުއްވިއެވެ. [މި ސިޓީ ކިޔުމަށްފަހު ވަގުތުން ކަލޭގެފާނު އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވާށެވެ.] ނަމަވެސް އެ ސިޓީއަށްފަހު މުޣީރަތުގެފާނު އަމިއްލަފުޅަށް އިސްތިއުފާދެއްވުން ލަސްކޮށްލެއްވިއެވެ. އެއަށްފަހު އޭނާ މުޢާވިޔަތުގެފާނުގެ އަރިހަށް ވަޑައިގެންނެވުމުން ސިޓީގައިވާ ކަންތައް ތަންފީޒު ކުރުން ލަސްވި ސަބަބު އެއްސެވިއެވެ. މުޣީރަތު ވިދާޅުވިއެވެ. 

[އަޅުގަނޑު އުޅުނީ ކަމެއްގައި ވަރަށް އަވަދިނެތިއެވެ.] މުޢާވިޔަތުގެފާނު އެއީ ކޮންކަމެއްތޯ އެއްސެވުން އޭނާ ދެންނެވިއެވެ. [އޭރު އަޅުގަނޑުގެންދިޔައީ، ކަލޭގެފާނުގެ ދަރިކަލުން ޔަޒީދު ޚަލީފާއަކަށް ވުމަށްޓަކައި މީސްތަކުން ލައްވައި ބައިޢަތު ހިފަމުންނެވެ.] މުޢާވިޔަތުގެފާނަށް މިވާހަކަތައް އަޑުއިވިވަޑައިގެންނެވުމުން ވަރަށް އުފާފުޅު ކުރައްވައި އަލުން މުޣީރަތުގެފާނު ކޫފާއަށް ފޮނުއްވައިލެއްވިއެވެ. އެކަލޭގެފާނު މަޤާމުން ދުރެއް ނުކުރެއްވިއެވެ. މުޣީރަތު ކޫފާއަށް ވަޑައިގެންނެވުމުން ކޫފީން އެކަލޭގެފާނާ ސުވާލު ކުރުމުން ވިދާޅުވިއެވެ. [ތިމަންމިއައީ، ޤިޔާމަތް ދުވަހާހަމައަށް އެވަޅަގަނޑަކުން އަރައިނުގެނެވޭފަދަ ވަޅުގަނޑެއްގައި މުޢާވިޔަތުގެފާނު ތާށިކުރައްވައިފައެވެ.]

المغيرة بن شعبة رضى اللّـه عنــه ކޫފާއަށް ވަޑައިގެން، ހުރިހާ ޢިއްޒަތްތެރިންނަށާއި ޢަރަބިންގެ ތެރޭގައި ނުފޫޒުގަދަ މީހުންނާ ބައްދަލުކުރެއްވިއެވެ. ޔަޒީދު ވަލީއަހުދަކަށް ހެއްދެވުމަށްޓަކައި އެބޭކަލުންގެ ތާއީދު ލިބޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ކުފާގެ ނުފޫޒުގަދަ މީސްތަކުން ޔަޒީދު ވަލީއަހުދަކަށް އައްޔަން ކުރުމަށް އެއްބަސްވިއެވެ. ހުރިހާ ބާވަތެއްގެ ހަމަނުޖެހުންތަކާއި ފިތުނަތަކަކުން އިސްލާމީ އުއްމަތް ސަލާމަތް ކުރުމުގެ ނިޔަތުގައެވެ. އޭގެފަހުން المغيرة بن شعبة  އެކަލޭގެފާނުގެ ދަރިކަލުންނާއެކު ކޫފާގެ ޢިއްޒަތްތެރިންގެ ވަފުދެއް މުޢާވިޔަތުގެފާނުގެ އަރިހަށް ފޮނުއްވިއެވެ. އެވަފުދު އައުމުން މުޢާވިޔަތުގެފާނު އެބައިމީހުންނާ ވާހަކަފުޅު ދެއްކެވުމަށްފަހު ވިދާޅުވީ ވަގުތު އައިސް ޖެހުމުން އެބައިމީހުންގެ އަތުން ބައިޢަތު ހިއްޕަވާނެކަމަށެވެ. 

މުޢާވިޔަތުގެފާނަކީ ވަރަށް ދުރުވިސްނިވަޑައިގަންނަވާ ބޭކަލެކެވެ. ވިސްނުންފުޅު ތޫނު ބޭކަލެކެވެ. ދެން އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ އިސްލާމީ ދުނިޔޭގެ ގިނަ މީހުން ޔަޒީދު ވަލީއަހުދަކަށް އައްޔަން ކުރުމަށް ރުހޭތޯ ނުވަތަ ނޫންތޯ ބެއްލެވުމަށެވެ. އެހެންކަމުން މަދީނާގެ ގަވަރުނަރު މަރްވާން ބިން ޙަކަމް އާއި ބަޞްރާގެ ގަވަރުނަރު ޒިޔާދު ބިން އަބީސުފްޔާނަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީގައި ވިދާޅުވެފައިވެއެވެ. 

[ތިމަންކަލޭގެފާނު މިހާރު އުމުރުން ދުވަސްވެ މުސްކުޅިފުޅުވެއްޖެއެވެ. ޚަލީފާއަކު އައްޔަންކުރުމަށްޓަކައި މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވެ، މައްސަލަތަކެއް އުފެދޭކަށް އަހަރެން ބޭނުމެއްނޫނެވެ. ތިމަންކަލޭގެފާނު ބޭނުންވަނީ ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ޚިލާފަތުގެ މަޤާމަށް މީހަކު އައްޔަންކުރާށެވެ. މުސްކުޅީންގެ ތެރެއިން ޚަލީފާކަމުގެ މަޤާމަށް އައްޔަން ކުރާނެ ރަނގަޅު މީހަކު ތިމަންކަލޭގެފާނަކަށް ފެނިވަޑައެއްނުގެންނެވިއެވެ. ޒުވާނުންގެ ތެރެއިން ތިމަންކަލޭގެފާނަށް ޚަލީފާކަމުގެ މަޤާމަށް އައްޔަން ކުރަން އެންމެ ފެންނަނީ ތިމަންކަލޭގެފާނުގެ ދަރިކަލުން ޔަޒީދެވެ. ތިޔަބައިމީހުން މީސްތަކުންނާ މަޝްވަރާކުރުމަށްފަހު ޔަޒީދު އަށް ޚަލީފާކަމުގެ ބައިޢަތު ހިފުމަށް މީސްތަކުންނަށް ވިސްނައިދޭށެވެ.]

މިއަދު އޮންލައިން