ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކެއް ރާއްޖެގެނެސް އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ސްޓެލްކޯއިން ޤާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކެއް ރާއްޖެގެނެސް އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ސްޓެލްކޯއިން ޤާއިމްކުރަނީ

ދިވެހިންނަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްޓެލްކޯއިން އެނާރޖީ މެނޭޖްމަންޓް ސިސްޓަމެއް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުން ގެންދަވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިކަމާގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މި ނިޒާމުގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރެވި، ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެގެނެސް އެ ޓެސްޓް ކުރުމުގެ ފުރުޞަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށާއި މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ސައިކަލުތަކަށް ޝައުޤުވެރިކަން އުފެއްދުމަށްޓަކައި ޓެސްޓް ރައިޑް ކުރުމުގެ ފުރުސަތުވެސް ހުޅުވާލުމަށް ރޭވިފައި ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖުކުރުމަށް ޤާއިމްކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކުގެ ހުވަފެންތައް ޙަޤީޤަތަކަށް ވެގެންދާނެ," ފަހުމީ ވިދާޅުވިއެވެ.

އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިންގ ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ. މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 ޕަސެންޓްގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން