ވަރަށް ގިނަ ބައަކު ފަހުދިހަ އައުމުން އަޅުކަންކުރުން ގިނަކުރެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަހުރެން ފާހަގަކުރަން މިއުޅެނީ އަޅުކަންކުރުން ތިމާ ގިނަކުރާ ފަދައިން އަނބިންނަށްވެސް އެފުރުޞަތު ހޯދައިޑޭންޖެހޭނެ ކަމެވެ.
ރޯދައިގެ ޘަވާބު އިތުރުކުރެވެން އޮތީ ވީހާ ގިނަ ބާވަތްތައް ކައްކައި ކެއުމަކުން ނޫނެވެ. އަޅުކަްނކުރުން ގިނަކުރުމުންނެވެ. ވީމާ ކައްކަންވީ ހަމަ ކިރިޔާ ފުދޭވަރަށެވެ. ތައްޔާރުކުރަންވީ ވީހާ މަދުބާވަތެކެވެ.
ރޯދަވީއްލާ ވަޤުތު މޭޒުމަތީގައި ވީހާ ގިނަ ބާވަތްތައް މޭޒުމަތީގައި އަތުރާފައި ހުރިނަމަވެސް ކެވޭނީ ވަކިވަރަކަށެވެ. ވީމާ ގިނަ ބާވަތްތަކެއް ތައްޔާރުކުރުމަކުން ކުރާނެ ފައިޑާއެއްވެސް ނެތެވެ.
މަޣްރިބް ނަމާދަށް މިސްކިތަށް ގޮސް ލުއިމަގަކުން ރޯދަވީއްލައި، ގެއަށް ނުގޮސް މިސްކިތުގައި ތިބެ ޢިޝާނަމާދާއި ތަރާވީޙް ނަމާދުކޮށްގެން ގެއަށްދާ މީހުންގެ ކިބައިން ހިތްވަރު ލިބިގަންނާށެވެ! ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ހަމަ އެއީއެވެ.
ލޮބުވެތި ފިރިންނޭވެ! އަނބިން ދެކެ ލޯބިވާނަމަ މިދެއްކި ވާހަކަކޮޅަށް ވިސްނާށެވެ! ބަދިގެއިން ސަލާމަތްވެ އަޅުކަންކުރުމުގެ ފުރުޞަތު އެކަނބަލުންވެސް ހޯދައިދޭށެވެ! އެއީ ތިބާ ތިއަކުރާ އަޅުކަމުގެ ފައިދާ ތިބާއަށް އިތުރުވެގެން ދިއުމަށްވެސް އޮތް މަގެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން