"ލޯބިވަން- ލޯބިވަން" ކިޔަމުން ބައިވެރިޔާއަށް ނުވަތަ އިންސާނަކަށް އޮޅުވައިލެވިދާނެއެވެ. އެއީ އޭނާއަށް އަނެކާގެ ހިތް ނުފެންނާތީއެވެ. ނަމަވެސް ހިތުގައިވާ އެއްޗެއް ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. ދޮގުބުނާނަމަ ވާނީ އިތުރަށް ފާފަވެރިއެވެ.
ރޭގަނޑުގެ ފަހުދަންފަޅީގައި ރޭއަޅުކަން ނުކޮށް ނިދާ މީހުންނަށް ވިސްނައިދެއްވުމުގެ ގޮތުން ޢިލްމުވެރިއަކު ވިދާޅުވެފައެވެ.
"އޭ އަޚާއެވެ! ތިބާ އެދޭ ކަންކަން އޮޅުންފިލުވައި ކޮންމެ ކަމަކަށް އެދުނަސް އެބޭނުމެއް ފުއްދައިދޭން މީހަކު ވަޤުތެއް ކަނޑައަޅައި އެ ވަޤުތަކު ތިބާގެ ގާތަށް އަންނައިރު ތިބާ ކަންނެތްވެ ނިދާފައި އޮވެދާނަން ހެއްޔެވެ؟ ނުއޮންނާނެކަން ޔަޤީނެވެ. އަލިފާނުން ހޫނުކޮށްގެންވެސް އެތައް ބައިވަރު ކޮފީއެއް ބޮއިގެންނަމަވެސް، އެވަރުންވެސް ނުހުރެވޭނަމަ ދެއެސްފިޔަ ލެއްޕުނަ ނުދޭން އިލޮށި ވިއްދައިގެން ނަމަވެސް ހޭލައި ނުހުންނާނަން ހެއްޔެވެ؟ އަހުރެން ޤަބޫލުކުރަނީ ކޮންމެ ކަމެއް ކޮށްގެން ނަމަވެސް ހޭލައި ހުންނާނެ ކަމަށެވެ.
އެހެންވީއިރު ތިބާ ކޮންމެ ކަމަކަށް އެދި ދެންނެވި ނަމަވެސް ފުއްދަވައި ދެއްވަވަން ޜޭގަނޑުގެ ފަހުދަންފަޅީގައި ބިމުގެ އުޑަށް ތަޖައްލީވެވޮޑިގެން ތިބާއަށް ދެއްވަވާ ދަޢުވަތު ޤަބޫލުނުކޮށް ނިދާފައި ތިއަ އޮންނަނީ ކީއްވެގެން ހެއްޔެވެ؟
އަދި ކީއްހެއްޔެވެ؟ މީހަކު މީހަކު ދެކެ ލޯބިވާނަމަ އެމީހަކާއި ބައްދަލުނުކުރާނެ ހެއްޔެވެ؟ އޭނާ ދޭ ދަޢުވަތު ޤަބޫލުނުކުރާނެ ހެއްޔެވެ؟ އެހެންކަމަށްވާއިރު ތިބާއަށް ﷲ ތަޢާލާ ދެއްވަވާ ދަޢުވަތު ޤަބޫލުނުކޮށްހުރެ ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާ ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟ އަދި އެހެން ބުނާނަމަ އެހެދެނީ ބޮޑު ދޮގެއް ނޫންހެއްޔެވެ؟"
މިފަދަ ތަފާތު ޢިބާރާތްތަކުން ޢިލްމްވެރިން އެވާހަކަތައް ބަޔާންކުރައްވަމުން އެގެންދަވަނީ ރޭގަނޑުގެ ފަހު ދަންފަޅީގައި ހޭލައި ރޭއަޅުކަންކޮށް ދުޢާކޮށް އެމީހަކު އެދޭ ކަންކަމުގެ ވާހަކައިން ﷲ ތަޢާލާއަށް ދެންނެވުމުގެ މުހިންމުކަން މީސްތަކުންނަށް ވިސްނަވައިދެއްވޭތޯއެވެ.
ޢިލްމުވެރިޔާ ވިދާޅުވެފައި އެވަނީ ވަރަށް މުހިންމު ވާހަކައެކެވެ. ރޭއަޅުކަންކޮށް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތް ނުކުރާ މީހަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކުކަން ބަޔާންކުރަން އޭނާ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ތަހައްޖުދު ނަމާދެވެ. އެހެންކަމަށްވާއިރު ތަހައްޖުދު ނަމާދު ނުކޮށް ހުރެފައި ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ އަޅެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
މިކަންކަމަށް އަމިއްލައަށް ވިސްނައިލާށެވެ! ކަންކަން ކުރެވޭނީ އެކަމެއް އެމީހަކަށް ޤަބޫލުކުރެވުމުންނެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން