އެންމެ ކުރީގެ ޒަމާންތަކަށް ބެލިނަމަވެސް މީސްތަކުން ނިދައި އުޅުނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ނިދުމުގެ ކުރިން ފެންވެރުން ނުވަތަ ގައިދޮވެލުމަކީ ގިނަ ބައަކު ކުރާ ކަމެކެވެ. މިހާރުވެސް ކޮންމެވެސް މިންވަރަކަށް އެކަން ކުރެއެވެ.
އެކަމަކީ ޞިއްޙަތަށްވެސް ނުހަނު ފައިދާހުރި ކަމެކެވެ. ފަސޭހައިން ނިދޭވެސް ކަމެކެވެ. އަދި ނިދުމުގެ ކުރިން ކިޔަންޖެހޭ ދުޢާތަކާއި ޛިކުރުތައް ކިޔުމަށްވެސް މަގުފަހިވެގެންދާ ކަމެކެވެ.
ބަލައިލަން މަސައްކަތްމިކުރަނީ ނިދުމުގެ ކުރިން ކިޔަން ހުރި ޛިކުރުތައް ކިޔުމާއި ބެހޭގޮތުންނެވެ.
ނިދުމުގެ ކުރިން ކިޔަންހުރި ޛިކުރުތައް ކިޔާށެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރަމުން ނިދާށެވެ. އެއިރުން އެމީހަކަށް ނިދީން ހޭލެވޭއިރު އީމާންކަން ހުންނާނީ އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ކުރީ ދުވަހަށްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރަން ހިތްވަރުލިބޭނެއެވެ.
ތިމާއަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ މީހަކު ކަމުގައިވެވިއްޖެނަމަ ތިބާއަށް ހުރެވޭނީ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގެންނެވެ. ޝައިޠޯނާ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ޝައިޠޯނާއަށް އެމީހަކާއި ކައިރިއެއް ނުވެވޭނެއެވެ.
އެމީހަކާއިއެކުގައިވާ މަލާއިކަތުން ޝައިޠޯނާގެ ކިބައިން އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. މަލާއިކަތުންގެ ރައްކައުތެރިކަން ލިބިއްޖެ މީހަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދެވޭނެ ފަރާތެއް ނުވެއެވެ.
މިފަދަ އެތައް ބައިވަރު ފައިދާތަކެއް ލިބެންހުރިއިރުވެސް އަހަރެމެންނަށް ނިދެނީ ކޮން ޙާލެއްގައިކަން އެންމެ ރަނގަޅަކަށް އެނގޭނީ އެމީހަކަށެވެ. އެނގޭކަމަކީ މިހާރު ގިނަ ބައަކަށް ނިދެނީވެސް ޝައިޠޯނާގެ މަޅިފަތީގައި ޖެހިގެން އޮވެ ކަމެވެ. ފޯނާއި ކުޅެ ސޯޝަލް މީޑިއާގައި ކޮންމެވެސް ކަމެއް ކުރަމުންނެވެ. ނުވަތަ މިޔުޒިކެއް އަޑުއަހަމުންނެވެ. ނޫނީ ފިލްމެއް ބަލަމުންނެވެ.
ދެން މިވާގޮތަކީ ނިދީން ހޭލެވެނީ ޝައިޠޯނާގެ ފަޅީގައި އޮވެގެންނެވެ. އެއިރުން އެދުވަހަކު އެމީހަކަށް ކުރެވޭނީ ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަމެވެ. އެހެންކަމަށްވެއްޖެނަމަ އެމީހަކަށް އެދުވަހަކު ހޯދޭނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން