ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކެވެ. އެންމެ ގިނައިން ހެޔޮ ޢަމަލުތައް ކުރަން އޮތް މޫސުމެވެ. ވީމާ ކުރިން ހަމައެކަނި ފަރުޟު ނަމާދުތައް ކުރެވެމުން އައިނަމަވެސް އެންމެ މަދުވެގެން މިމިންވަރަށް އިތުރުކޮށްލާށެވެ! އެކަމުގެ ރަނގަޅު ނަތީޖާ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް ދައްކަވާނެތެވެ. އިން ޝާ ﷲ
ނަމާދަށް ހުންނައިރު ތިމާގެ ހަށިގަނޑު ވީހައި ބޮޑަށް ސީދަލަށް ބަހައްޓަން މަސައްކަތްކުރާށެވެ. އަރިވެ ގުދުވެ ބަނޑިލައްވައި ނުހަދާށެވެ. އަދި ވީހައި ބޮޑަށް ސަޖިދަވަޅަށް ބަލަން މަސައްކަތްކުރާށެވެ. ނަމަވެސް އައަތަޙިއްޔާތު ކިޔާއިރު ބަލަންވާނީ ކަނައަތުގެ އަތްތިލައަށެވެ. އެއީ ހަމައެކަނި އައްތަޙިއްޔާތު ކިޔާވަޤުތުގައެވެ.
ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށް ވީހައި ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރާމީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެއެވެ. ދަތި އުނދަގޫ ޙާލަތްތަކުން މިންޖުވެވޭނެ މަގެއް ދައްކަވާނެތެވެ. އެހެނީ އެމީހަކު އޭނާގެ ޢމަލުން އެދައްކަނީ އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިވާ މިންވަރެވެ. ﷲ ތަޢާލާ ދެކެ ލޯބިވާ މިންވަރެވެ.
ސުވަރުގެ އެދިގެން ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ނުވަތަ އަޅުކަމަކީ ބަރާބަރަށް ނަމާދުކުރުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން މަސައްކަތްކުރުމެވެ.
ނަމާދަށް ރައްކައުތެރިވާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެމީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވަތެވެ. ވީމާ ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން ފަރުޟު 5 ނަމާދުގެ އިތުރުން ރަވާތިބު ސުންނަތުގެ 12 ރަކްޢަތާއި ވިތުރިގެ 3 ރަކްޢަތާއި ދަމުނަމާދާއި އަދި ޟުޙާ ނަމާދުގެ މަދުވެގެން 2 ރަކްޢަތް ނަމަވެސް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.
ދުނިޔޭގައި އެމީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަދި އާޚިރަތް ދުވަހު އުފާކުރާ މީހުންގެ ތެރޭގައި ހިމެނިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން