ރަމަޟާން މަސް ފެށުމުން މުސްލިމުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ފާފައެއް ނުކުރުމަށެވެ. ސަބަބަކީ ބޮޑުފާފައަކަށް އަރައިނުގަނެ ހުރުމަކީ އެމީހަކަށް ކުރެވިފައިވާ ކުދި ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށްވާތީއެވެ.
އެއީ ކިތަންމެ ބޮޑު ފާފައެއްނަމަވެސް، އެއީ އެންމެ ބޮޑު ފާފައެއްކަން އެނގޭއިރުވެސް ޒިނޭކުރުން މިވަނީ ޢާންމުވެފައެވެ. އެއީ އެއްވެސް ބިރެއްނެތި ކުރާ ކަމަކަށް މިވަނީ ހަދައިފައެވެ. އަހުރެންގެ ނަޞޭޙަތަކީ ރަމަޟާން މަސް ފެށުމުން ޒިނޭކުރުމާއި އަދި އެހެންވެސް ފާފަތަކާއި ދުރުހެލިވި ފަދައިން އަހަރުގެ ދެން އޮތް ދުވަސްތަކުގައިވެސް އެފަދަ އެއްވެސް ފާފައަކަށް އަރައި ނުގަތުމަށް އަވަހަށް ޢަޒުމް ކަނޑައަޅާށެވެ! މިއީ އެކަމަށް އޮތް އެންމެ ރަނގަޅު ވަޤުތެވެ.
ރަމަޟާން މަހު ހިފާ ރޯދައިގެ ސަބަބުން ރޫޙާނީ ބާރު ވަރގަދަކުރުމުގެ ފުރުޞަތު އެތައް ގުނައަކަށް ބޮޑުވެގެންދެއެވެ. އެކަމުން ޙާޞިލުކުރަން އޮތް ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ފާފަތައް ކުރެވުން ހުއްޓައިލެވޭނެއެވެ. އިން ޝާ ﷲ
- މަޢުލުމާތު: ބިލާލް އައްސަދުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މަޙްރަމަކާއި އެކު ޒިނޭ ކުރުމަކީ އެހެންމީހަކާއި އެކު ޒިނޭ ކުރުމަށް ވުރެ ނުބައިކަން ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން އިސްލާމްދީނުގައި ދެމެހެއްޓުމަށް އަންގަވާފަިއވާ ރަޙިމުގެ ގުޅުމަށް ވެސް ބުރުންތަކެއް އަރާ ކަމަކަށްވީތީއެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ބުރަވެލައްވަނީ މަޙްރަމަކާއި އެކު ޒިނޭކޮށްފިމީހެއްގެ އަދަބަކީ މެރުންކަމަށެވެ. އެއި މުޙްޞަން (މީހަކާ އިނދެފައިވާ މީހެއް) ނުވަތަ ޣައިރު މުޙްޞަން (މީހަކާ ނުއިނދެ ހުރި މީހަކަށް) ވިޔަސްނަމައެވެ.
މިގޮތަށްވިދާޅުވާ ޢިލމުވެރިންގެ ތެރޭގައި އަލްއިމާމް އަޙްމަދު، އިސްޙާގް ބިން ރާހަވައިހި އަދި ޝެއިޚް ޢުޘައިމީން-ރަހިމަހުމުﷲ- ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުންގެ ދަލީލަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ ޙަދީޘް ފުޅެވެ. "މަޙްރަމަކާއި އެކު ޒިނޭކޮށްފި މީހާ ގަތުލު ކުރާ ހުށިކަމެވެ". ނަމަވެސް ޝެއިޚް އަލްބާނީ-ރަޙިމަހުﷲ- މިޙަދީޘް ޟަޢީފް ކަމުގައި ވިދާޅުވެއެވެ.
އަލްބައްރާއު ބިން ޢާޒިބް-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނުގެ ބޮޑުބޭބޭފުޅު ދިދަ އެއް ހިއްޕަވައިގެން ވަޑައިގަންނަވަނިކޮށް ދެކެވަޑައިގެން ސުވާލު ކުރެއްވީމެވެ. ތިޔަ ދަނީ ކޮންތަނަކަށް ހެއްޔެވެ؟ ވިދާޅުވިއެވެ. މީހަކު އޭނާގެ ބައްޕަ ކައިވެނިކޮށްފައި ހުރިމީހަކާ ކައިވެނި ކުރުމުގެ ސަބަބުން އެމީހާ ގަތުލުކޮށް، އޭނާގެ މުދާ އަތުލުމަށް، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ތިމަންނާ އަށް އަމުރުކުރައްވައިފިއެވެ". މި ރިވާޔަތަކީ އަލްބާނީ-ރަޙިމަހުﷲ- އިރްވާއުލްޣަލީލް ގެ 2351 ގައި ޞައްޙަ ކުރައްވާފައިވާ ރިވާޔަތެކެވެ.
ޖުމްހޫރުން ދެކިލައްވާ ގޮތުގައި މަޙްރަމަކާއި އެކު ޒިނޭ ކުރުމަކީ އެހެންމީހަކާއި އެކު ޒިނޭ ކުރުމަށްވުރެ ނުބައިކަން ބޮޑު ކަމެއް ކަމުގައިވީ ނަމަވެސް މިކަމުގެ އަދަބު ދެވޭނީ އެހެންވެސް މީހުންނަށް އަދަބު ދެވޭ ގޮތަށް ކަމެވެ. އެހެނީ، މުޙްޞަނަކު ނަމަ ރަޖަމް ކުރާނީއެވެ. ޣައިރު މުޙްޞަން އެއް ނަމަ ސަތޭކަ އެތިފަހަރުން ހައްދުޖަހައި އެއް އަހަރަށް އަރުވާލާނީއެވެ.
ކޮންމެއަކަސް މީހަކާ ނީދެ ހުރި އަންހެނަކާއި ޒިނޭ ކުރުމަށްވުރެ މީހަކާ އިނދެގެން އުޅޭ އަންހެނަކާއި ޒިނޭ ކުރުން މާ ހުތުރުކަން ބޮޑެވެ. އެހެނީ، އެކަމުގެ ސަބަބުން ފިރިމީހާގެ ޙުރްމަތްކެނޑި، ތަންމަތި ފާސިދުވެ، އޭނާގެ ދަރިއެއް ނޫން ކުއްޖަކު ނިސްބަތްވާންޖެހި މިކަހަލަ އެތައް ކަމެއް ހިމެނިފައިވެއެވެ.
ހަމަ އެފަދައިން އަވަށްޓެރި އެއްގެ އަންބަކާ ޒިނޭކޮށްފިނަމަ އަވަށްޓެރި ކަމުގެ ގުޅުމަށްވެސް ބުރޫ އަރައެވެ. އެހެންކަމުން އަވަށްޓެރިޔާ އަށް އުނދަގޫކުރުމުގެ ނުބައިކަންވެސް އިތުރުވެގެންދާނެއެވެ. އަވަށްޓެރިންނަށް ގޯނާ ކުރުމަކީ އެންމެ ނުބައިކަންބޮޑު އެއްކަމެވެ. އަވަށްޓެރިޔާއަކީ ގާތްތިމާގެ މީހެއްނަމަ ރަޙިމްގެ ގުޅުން ކެނޑުމުގެ ނުބައިކަން އިތުރުވީއެވެ.
މިފަދަ ނުބަިއ ކަމަކަށް އަރައިގަނެވިފައިވާ މީހާ ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. ރަގަޅު ތައުބާ އަކުން ތައުބާ ވެއްޖެނަމަ އޭނާގެ ކުރީގެ ހުރިހާފާފަ އެއް ފުއްސަވާނެއެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ. "ހަމަކަށަވަރުން މާތް ﷲ އެކަލާންގެ އަޅުންގެ ކިބައިން ތައުބާ ގަބޫލުކުރައްވާކަމާއި، ސަދަގާތް ހިއްޕަވާކަމާއި، އަދި ހަމަކަށަވަރުން މާތް ﷲ އީ ތައުބާ ގަބޫލު ކުރައްވާ ރަޙްމަތްވަންތަ އިލާހުކަން އެބައިމީހުން ނުދަންނަނީހެއްޔެވެ؟" (ތައުބާ ސޫރަތުގެ 104 ވަނަ އާޔަތް).
އަދިވެސް ވަޙީ ކުރައްވައެވެ. "އަދި ހަމަ އެފަދައިން ތިމަން ﷲ އީ ތައުބާވެގެންތިބެ އީމާންވެ ރަނގަޅު ޢަމަލުތައްކޮށް އެއަށްފަހުން ތެދުމަގު ލިބިގެންފި މީހުންނަށް ފާފަފުއްސަވާ އިލާހެވެ". (ޠާހާ ސޫރަތުގެ 82 ވަނަ އާޔަތް).
އަލްފުރްގާން ސޫރަތުގެ 68 އިން 70 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި އެބައިމީހުންނަކީ މާތް ﷲ އާއި އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވައި ނަހަދާ މީހުންނެވެ. އަދި، މާތް ﷲ ޙުރްމަތްތެރި ކުރައްވައިފައިވާ ފުރާނައެއް، ޙައްގުގޮތުގައި ނޫނީ ގަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިންކަމެއް ކޮށްފިމީހާ އެކަމުގެ ޢުގޫބާތާއި ބައްދަލުކުރާނެއެވެ. އެމީހަކަށް ގިޔާމަތްދުވަހު ޢަޛާބު ދެގުނައަށް އިތުރުވެގެންދާނެއެވެ. އަދި އިހާނެތިކަން ލިބި ނިކަމެތިވެގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެއެވެ. ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ، އެބައިމީހުންނާއިމެދު، މާތް ﷲ އެބައިމީހުންގެ ކުށްފާފަތައް ހެއުކަންތަކަށް ބަދަލު ކުރައްވާނެތެވެ. މާތް ﷲ އީ، ފާފަފުއްސަވާ ރަޙްމަތްވަންތަ ކަލާންގެެ ކަމުގައިވެއެވެ".
އިސްވެދިޔަ އާޔަތްތަކުގައި އިރްޝާދު ދެއްވާފައިވަނީ ތައުބާވާމީހާ ހެޔޮ ޢަމަލު ގިނަކުރުމަށެވެ. އަދި ސީދާވެގެންވާ ތެދުމަގު އިޚްތިޔާރު ކުރުމަށެވެ. ކަތިމަގުތަށް ދޫކޮށްލުމަށެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް