ރަމަޟާން މަހާ ބައްދަލުވެވި ރަމަޟާން މަސް ލިބިގަންނަން މަސައްކަތް ނުކުރެވުމަކީ ހަމައެކަނި ނަގައިލެވޭ ފުރުޞަތެއް ނޫން! އެއީ ކުރެވޭ ވަރަށް ބޮޑު ކުށެއް!: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ރަމަޟާން މަހާ ބައްދަލުވެވި ރަމަޟާން މަސް ލިބިގަންނަން މަސައްކަތް ނުކުރެވުމަކީ ހަމައެކަނި ނަގައިލެވޭ ފުރުޞަތެއް ނޫން! އެއީ ކުރެވޭ ވަރަށް ބޮޑު ކުށެއް!: ޝައިޚް މުޙައްމަދު ބާޖައުރު

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ރަމަޟާން މަހާއި ބައްދަލުވިނަމަވެސް ރަމަޟާން މަސް ލިބިގަންނަން މަސައްކަތްކުރުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ކަމަށެވެ. އެއް މާނައެއްގައި އެވިސްނުން އެންމެ ރަނގަޅެވެ. ސަބަބަކީ ސުވަރުގެއާއި ނަރަކައިންކުރެ އެމީހަކު ވަންނަން ބޭނުންވާ ތަނެއް އިޚްތިޔާރުކުރުން ﷲ ތަޢާލާ ވަނީ މީސްތަކުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ.  

ކިތަންމެ ގިނަ ބައަކު ނަރަކައަށް ވަންނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެކަމުން އެއްވެސް މައްސަލައެއް ނެތެވެ. ނަރަކައަކީ ޖާގަފުރޭނެ ތަނެއް ނޫނެވެ. އަދި ނަރަކައަށް ވަންނަ މީހުންގެ ޢަދަދު ކިތަންމެ ގިނަވިނަމަވެސް ނަރަކަ ބެލެހެއްޓެވުންވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް މައްސަލައަކަށް ނުވެއެވެ.  

މިގޮތަށް ވިސްނައިލާށެވެ! ދުނިޔޭގައި އުޅުނު މީހުންގެ ތެރެއިން ކޮންމެ 1000 އަކުން 999 މީހުންނަށް ވަންނަން ޖެހޭނީ ނަރަކައަށްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެންވީމާ ނަރަކައިގައި ތިބެންޖެހޭނެ މީހުންގެ ޢަދަދަށް ވިސްނައިލާށެވެ! އެޢަދަދު ބަލައި ގުނައި ހެދޭނެ މެޝިނެއް ނުވެސް އުފެއްދޭނެއެވެ. އެހެންކަމާއިއެކުގައިވެސް ނަރަކައިގައި ތިބޭ އެންމެންގެ ހުރިހާ ކަމެއް ބަލަހައްޓަވަން ތިއްބަވާނީ އެންމެ 19 މަލާއިކަތުންނެވެ. 

ވީމާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރަންވީ އެމީހާގެ ސަލާމަތަށްޓަކައެވެ. އެހެންކަމުން އިތުރަށް ވިސްނައިލަމާ ހިނގާށެވެ!  

މިދިއަ ރޯދަމަހު އަހުރެމެންނާއިއެކުގައި ތިބި ކިތައް ޒުވާނުން މިއަހަރުގެ ރަމަޟާން ަމސް އައުމުގެ ކުރިން ދުނިޔެއާއި ވަކިވެގެން ހިނގައްޖެހެވެ؟ ދުނިޔޭގެ ޢަދަދު ހޯދަން އުލޭނެ ކަމެއް ނެތެވެ. އެމީހެއްގެ ގާތް މީހުންނާއި އެކުވެރިންގެ ތެރެއިން މަރުވި މީހުންގެ ޢަދަދަށް ވިސްނައިލިޔަސް ފުދޭނެއެވެ.  

ދެން ވިސްނައިލަންވީ ތިމާއަށް ދުނިޔޭގައި ހުރެވި މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުކުރެވުނު ސަބަބަށެވެ. ހަމަކަށަވަރުން އެ ސަބަބަކީ ތައުބާވެ މިއަހަރުގެ ރަމަޟާން މަހުން ލިބިގަނެވެން އޮތް ބޮޑު ފައިދާ ޙާޞިލުކުރުމަށް ފުރުޞަތު ދެއްވެވުމެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް ފުރުޞަތު ދެއްވެވުމެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެފުރުޞަތުގެ ބޭނުން ނުކުރީމާ އެކުރެވެނީ ކިހާބޮޑު ކުށެއްކަން ހިތަށް ގެނެވޭ ހެއްޔެވެ؟ އެއީ ކުރެވޭ އެންމެ ބޮޑު ކުށަށްވެ އެއީ ލިބިގަނެވޭ އެންމެ ބޮޑު ދެރައަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން