ދަރިންގެ ކުރިމަތީގައި މައިންބަފައިން ޤުރްއާން ކިޔަވާނަމަ އެކުދިންގެ ހިތުގައި ޤުރްޢާނަށް ލޯބި ޖެއްސުވޭނެތޯ؟
ކިޔުންޔެރިޔާ ކުރައްވާފައިވާ ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. މިހާރުގެ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ކީރިތި ޤުރްއާނަކީ ހަމައެކަނި ރީތި ރާގުތަކަށް ކިޔަވަން އޮންނަ ފޮތެއް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ.
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ކީރިތި ޤުރްއާން ރިވެތި ރާގުތަކަށް ކިޔަވަން ދަރިންނަށް ދަސްކޮށްދިނުމަކީ ކިތަންމެހައިވެސް ރަނގަޅު ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުފްތީ މެންކުފަދަ ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ވިދާޅުވަނީ ޢަރަބި ބަސް އުނގެނުމަށްވުރެ ވެސް މުހިންމީ ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގުން ކަމަށެވެ.
ވިސްނައިލަންޖެހިފައި އޮތްކަމަކީ ދަރިންނަށް ކިތަންމެ ރިވެތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިންނަމަވެސް އަދި ކުދިންގެ ކުރިމަތީގައި މައިންބަފައިން ކިޔަވައި އުޅުނަސް އެކަމުގެ ޙަޤީޤީ ފައިދާކުރާނީ ޤުރްއާނަށް ޢަމަލުކުރާތަން ކުދިންނަށް ދައްކައިދީގެން ކަމެވެ. ޤުރްއާން ބާވައިލައްވަވާފައިވަނީ އެއާއި އެއްގޮތަށް ޢަމަލުކުރަންކަން ކުދިންގެ ހިތްތަކަށް ވައްދުވައިދީގެންކަމެވެ.
މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ކޮންމެ މުބާރާތެއްގެ ތެރެއިން ޢިލްމުވެރިން ވިދާޅުވާ ވާހަކައެކެވެ. އެކަން ފާހަގަނުކުރާ ރަސްމިއްޔާތެއްގައި އަދި މިހައިތަނަށް ބައިވެރިވެވިފައެއް ނެތެވެ.
ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސުވަން ބޭނުންވާނަމަ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ކީރިތި ޤުރްއާނަށް އަމަލުކުރުމެވެ. އަދި ޤުރްއާނަށް ޢަމަލުކުރރަން އާދަކުރުމެވެ. އެކަންކަން ނުކުރާ ނަމަ އެމީހަކީ ޤުރްޢާނަށް ލޯބިކުރާ މީހަކަށް ނުވާނެއެވެ.
ޤުރްއާނަށް ޢަމަލުކުރުމަކީ ކޮބައތޯ އާއި މައިންބަފައިން ޢަމަލުކުރާނީ ކިހިނެއްތޯ ކުރާ ސުވާލުގެ ޖަވާބުގައި ބުނާނީ މައިންބަފައިން ކުރާ ކަންކަން މިކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށްކަން ދަރިންނަށް ވިސްނައިދޭށެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުނިޔެއާއި އާޚިރަތް ލިބެން އޮތީވެސް އެއިރުންކަން ވިސްނައިދޭށެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިވެރިވަންތަކަމުގެ ވާހަކަ ދަރިންނަށް ކިޔައިދޭށެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރާށެވެ! އަދި ކުދިންނަށްވެސް ވިސްނައިދީ އެމަގުން ޢަމަލުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން