ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށާއި ޝަރަފުގެ ނިޝާން ލިބިފައިވާ ފަރާތްތަކަށް އިނާޔަތް ދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށާއި ޝަރަފުގެ ނިޝާން ލިބިފައިވާ ފަރާތްތަކަށް އިނާޔަތް ދޭން ނިންމައިފި

1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދެއްކެވި އާދަޔާ ޚިލާފު ހިތްވަރާއި ސާބިތުކަމުގެ ސަބަބުން ޝަރަފުގެ ނިޝާން ލިބިފައިވާ ފަރާތްތަކަށް ޚާއްޞަ އެލަވަންސެއް ދިނުމަށް ނިންމައިފިއެވެ.

ދިފާޢީ ވުޒާރާއިން މިއަދު އާންމުކުރި އުޞޫލުގައިވާ ގޮތުން، ޝަހީދުވި ސިފައިންގެ އާއިލާގެ ގޮތުގައި ބެލެވޭނީ މައިންބަފައިންނާއި، އުފަންދަރިންނާއި އަދި ހުވަފަތްވި އަނބިމީހާއެވެ. މި އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް މަހަކު 9,000 ރުފިޔާގެ އިނާޔަތެއް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެއެވެ.

އަދި ހަމައެއާއެކު، އެ ހަނގުރާމައިގައި ދެއްކެވި ހިތްވަރުގަދަކަމާއި ޝުޖާޢަތުގެ ސަބަބުން ޝަރަފުގެ ނިޝާން ލިބިފައިވާ ފަރާތްތަކަށްވެސް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން:

• ހުރަވީ ރަން މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 9,000 ރުފިޔާ
• ހުރަވީ ރިހި މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 8,000 ރުފިޔާ
• ހިތްވަރުގަދަކަމުގެ ކުލަ ލިބިފައިވާ ފަރާތްތަކަށް މަހަކު 6,000 ރުފިޔާ

މި އިނާޔަތްތައް ދެވޭނީ އެ ފަރާތްތައް ދުނިޔޭގައި ތިބިހާ ހިނދަކުއެވެ. މިއީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިމާވި ނުރައްކާތެރި ހާދިސާގައި ޤައުމަށްޓަކައި ޤުރުބާންވި ފަރާތްތަކާއި، ހިތްވަރުގަދަކަން ދެއްކެވި ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް، އެ ފަރާތްތަކަށް ދެވޭ ޚާއްޞަ އިނާޔަތެކެވެ.

މި ފަރާތްތަކަށް އިނާއަތްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިއަދު އޮންލައިން