ފަހު ދިހައެއްގައިވެސް އުޖާލާ ދިރިއުޅުން ފެސިލިޓީގެ ޚިދުމަތް ލިބޭނެ: އެމްއައިބީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފަހު ދިހައެއްގައިވެސް އުޖާލާ ދިރިއުޅުން ފެސިލިޓީގެ ޚިދުމަތް ލިބޭނެ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ހާމަކުރެއްވި ގޮތުގައި، އެ ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީގެ ޚިދުމަތް މި ރަމަޟާންމަހުގެ ފަހު ދިހައެއްގައިވެސް ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

އެމްއައިބީގެ ބިޒްނަސް ސެންޓަރު (ބޭންކުގެ ހެޑް އޮފީސް) އިން ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 11:30 އިން މެންދުރުފަހު 14:00 އަށް ޚިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. އަދި ރަމަޟާންމަހުގެ 20، 27 އަދި 29 ވަނަ ދުވަހު ބޭންކުގެ ޚިދުމަތް ލިބޭނީ ހެނދުނު 9:30 އިން 14:00 އަށެވެ.

އެމްއައިބީގެ އެންމެ މަޤްބޫލު އެއް ޚިދުމަތް ކަމަށްވާ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ބޭންކަށް ޒިޔާރަތްކުރުމަކާ ނުލައި، އޮންލައިންކޮށް ކޮންމެ ތަނަކުން ވެސް ލިބޭ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދި ކޯޓޭޝަން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ އޮންލައިންކޮށް ކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

އެ ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، އުޖާލާ ދިރިއުޅުން ފެސިލިޓީއަށް އެދުމަށް މިހާރު ގެރެންޓަރއެއް ބޭނުމެއް ނުވެއެވެ. މި ފެސިލިޓީއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހެނީ ވަޒީފާގެ ލިޔުމާއި، އެއް އަހަރު ދުވަހުގެ ބޭންކް ސްޓޭޓްމަންޓް، އެއް އަހަރު ދުވަހުގެ މުސާރަ ސްލިޕް އަދި އައިޑީ ކާޑުގެ ކޮޕީއެވެ.

މި ލިޔެކިޔުންތައް އެމްއައިބީގެ އުޖާލާ ނައު ޕޯޓަލްއަށް އަޕްލޯޑްކުރުމުން، ބޭންކުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން