ޝައިޚް އަބޫބަކުރު ޒައުދުގެ ވަރަށް ޚާއްޞަ އިލްތިމާސެއް!: ކަންބޮޑުވާންވީ ފުރަތަމަ 20 ރޭ ގެއްލުނީތީއެއް ނޫން! ފަހު 10 ރޭ ނުލިބިދާނެތީ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޝައިޚް އަބޫބަކުރު ޒައުދުގެ ވަރަށް ޚާއްޞަ އިލްތިމާސެއް!: ކަންބޮޑުވާންވީ ފުރަތަމަ 20 ރޭ ގެއްލުނީތީއެއް ނޫން! ފަހު 10 ރޭ ނުލިބިދާނެތީ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

މިއަހަރުގެ ރަމަޟާން މަހުގެ ފުރތަމަ 20 ރޭ އަހުރެމެންނާއި ވަކިވެ އަލްވިދާޢު ކިޔައިފިއެވެ. އެރޭތަކުގައި އެކި މީހުންނަށް އަޅުކަންކުރެވިފައިވާނީ އެކިވަރަށެވެ. ބައެއް މީހުންވަނީ ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކޮށްފައެވެ. ނަމަވެސް ހިތާމައަކީ ގިނައީ ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވުނު މީހުންކަމަށްވީތީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ފާއިތުވެގެން ދިއަ ރޭތަކާއިމެދު ވިސްނުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެކަމުން ކުރާނެ ފައިޑާއެއްވެސް ނެތެވެ. މިހާރު ވިސްނަންވީ ކުރިއަށް އޮތް 10 ރެއާއިމެދުގައެވެ.  

އެންމެ ބޮޑެތި ޢިލްމްވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި އޮތީ ރޭސްޖެހުމެވެ. ކިތަންމެ ގަދަ ހިތްވަރެއް ލާފައި ރޭސްފެށިނަމަވެސް ރޭސްކާމިޔާބުކުރެވޭނީ ރޭސްނިމެންދެން ހިތްވަރުލައިގެންނެވެ. ރޭސް ނިމޭކޮޅުގައި ހިތްވަރު އެލި އިހްމާލުވެވިއްޖެނަމަ ރޭހުން ފޭލްވާނެއެވެ. 

އަދި ރަމަޟާން މަސް ކާމިޔާބުކުރަން ޖަހާ ރޭހުގައިވެސް އޮތީ ހަމަ މިގޮތެވެ. ފުރަތަމަ 20 ރޭ ކިތަންމެ ވަރަކަށް މަސައްކަތްކޮށްފައިވެސް ފަހު 10 ރޭ ކަންނެތްވެވިއްޖެނަމަ އެމީހަކަށް ރަމަޟާން މަސް ކާމިޔާބުކުރެވުނު ކަމަކަށް ނުވާނެއެވެ.  

ސަބަބަކީ މީހާގެ މުޅި ޢުމުރުގައި އަޅުކަންކުރުމަށްވުރެ ގިނައިން އަޅުކަންކުރެވުނުކަމަށްވާން ލިބެން އޮތް ފުރުޞަތު ނަގައިލެވޭތީއެވެ. މިބުނަނީ 1000 މައްސަރަށްވުރެ މަތިވެރިކަން ބޮޑުވެގެންވާ ލައިލަތުލްޤަދްރިވިލެރޭ ލިބިގަތުމުގައި ފޭލްވެއްޖެނަމަ ވާނެ ގޮތެވެ.  

ވީމާ ފާއިތުވެގެން ދިއަ 20 ރެއާއިމެދު މިއަހަރު ދެން ނުވިސްނާށެވެ! ކުރިއަށް އޮތް 10 ރޭ އިތުރަށް ހީވާގިވެލާށެވެ! ލައިލަތުލްޤަދްރި ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބުކުރެވޭނެ ކަމުގެ ޔަޤީންކަމުގައި މަސައްކަތްކުރި ކޮންމެ މީހަކަށްވެސް ކާމިޔުބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން