ލޯބިވުމަށް ﷲ އެންގެވި ތަރުތީބު އޮޅުވައިލާނަމަ ލޯބިވެރިޔާގެ ކިބައިންވެސް ބައިވެރިޔާގެ ކިބައިންވެސް ހިތްދަތިކަން ލިބުން ވަރަށް ގާތްވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ލޯބިވުމަށް ﷲ އެންގެވި ތަރުތީބު އޮޅުވައިލާނަމަ ލޯބިވެރިޔާގެ ކިބައިންވެސް ބައިވެރިޔާގެ ކިބައިންވެސް ހިތްދަތިކަން ލިބުން ވަރަށް ގާތްވާނެ!: މުފްތީ މެންކް

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ގޮތްގޮތަށް އުޅެމުން ހިތްހަމަޖެހުން ހޯދަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެކަން ޙާޞިލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ކުރައަކަށް ފެންއަޅާފައި އުނދުންމައްޗަށް އުދައި އުނދުން ރޯކުރީމާ ފެންގަނޑު ކެކިގަތުމަކީ ފެންގަނޑުގެ ކުށެއް ހެއްޔެވެ؟ ތިބާ ކެއްކި ހޫނުފެން ތިބާގެ ފަރުވާކުޑަކަމުން ތިބާގެ ގައިގައި ޖެހިގެން ފިހުނީމާ އެއީ އެފެން ދިން އަނިޔާއަކަށްވާނެ ހެއްޔެވެ؟

ހިތްދަތިވެ ހިތާމަކުރަންޖެހޭތީ ކަންބޮޑުވެގެން އެންމެ ގިނައިން ޝަކުވާކުރާނީ ޒުވާންކުދިންނެވެ. ގިނަފަހަރު އެކަން ގުޅިފައި އޮންނަނީ ލޯބިވެރިޔާ ލަނޑުދިނުމާއިއެވެ. ހިތްދަތިވެ ހިތާމަކުރަންޖެހޭ ސަބަބާއިމެދު ވިސްނައިލަނީ ވަރަށް މަދު ޒުވާނެކެވެ. އެހެންކަމުން ވިސްނައިދޭން މަސައްކަތްކުރަން އެބަ ޖެހެއެވެ.  

މިހެން ބުނީމާ ޒުވާންކުދިން ވަރަށް ހިތްހަމަ ނުޖެހޭނެއެވެ. ރުޅިވެސް އަންނާނެއެވެ. ނަމަވެސް ބުނަންޖެހޭނީ ކަން އޮތް ގޮތަށެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައި ގޮތަށް ނޫން ގޮތްގޮތަށް އުޅުމަކީ ހިތްދަތިކަން ކުރިމަތިވާ އެންމެ ބޮޑު ސަބަބެވެ. މިއުޅެނީ ލޯބިވެގެންކަމަށް ބުނެ ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ކުރަމުން ގެންދިއުމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި އިމުން ބޭރުގައި އުޅުމެވެ. ރުހިވޮޑި ނުގަންނަވާނެ ގޮތަށް އުޅުމެވެ. 

ޒުވާނުންނޭވެ! ތިއަކުދިންނަށް ހިތްދަތިކަން ލިބެމުން އެއަންނަނީ ތިއަކުދިންނަށް ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. ﷲ ތަޢާލާ ނޫން ފަރާތަކަށް ހިތްނުދޭން އެންގެވީމާ މީހަކަށް ހިތްދިނުމުން އެމީހާ ތިބާގެ ހިތަށް އަނިޔާކުރީމާ ﷲ ތަޢާލާ ހިތްދަތިކުރަނީ ހެއްޔެވެ؟  

މިބުނަނީ އެއްވެސް ޙާލެއްގައި ބައިވެރިޔާ ދެކެ ލޯބިނުވާކަށް ނޫނެވެ. އެލޯބި ﷲ ތަޢާލާއަށް ލީބުވުމުގެ ދަށަށް ގެންނަން ޖެހޭނެ ވާހަކައެވެ. މިބުނަނީ މީހަކު ދެކެ ކިތަންމެ ބޮޑަކަށް ލޯބިވީނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކާއި ޚިލާފްވެގެން ނުވާނެ ވާހަކައެވެ. ޚިލާފްވެއްޖެނަމަ އެއޮތީ ﷲ ތަޢާލާއަށްވުރެ ބޮޑަށް އެމީހަކު ދެކެ ލޯބިވެވިފައެވެ.  

ފާފަތަކެއް ކުރެވިފައިވީނަމަވެސް މައްސަލައެއް ނެތްކަމަށް ބަލާށެވެ! އެކަމަކު ފުރަތަމަކަމަކަށް އަވަހަށް ތައުބާވުމަށްފަހުގައެވެ. ތައުބާވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންފަށައިފައެވެ. ހެޔޮ ނަޞޭޙަތް ޤަބޫލުކުރަންޖެހޭ މީހުންގެ ނަބޭޙަތް ޤަބޫލުކުރަމުންނެވެ. މައިންބަފައިނަށް ހެޔޮކޮށް ހިތައި އެމީހުންގެ ޙައްޤުތައް އަދާކުރަމުންނެވެ.  

އެއިރުން އިން ޝާ ﷲ އަދިވެސް އުފާވެރިކަން ދެއްވަވާނެތެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން