ދުނިޔަވީ ދިރިއުޅުމަށް ބެލިނަމަވެސް ކަމަކާއި ޝަކުވާކުރެވޭނީ އެކަމަށް ޝަރުޠު ހަމަވާނަމައެވެ. ތިމާއަށް ކުރިމަތިވާ ކަްނކަމަށް ކަންބޮޑުވުމާއި އެކަމުގެ ވާހަކަ ދެއްކުންވެސް މިއޮތީ ހަމަ އެފަދަ ގޮތަކަށެވެ. ފުރަތަމަ ތިމާ އެކަމަށް ޝަރުޠުވާންޖެހޭނެއެވެ.
ﷲ އަށް ކިޔަމަންތެރިކަން އަދާނުކުރާ މީހާއަށް ލިބޭ ހިތްދަތިކަމުގެ ވާހަކައެއް ނުދެއްކޭނެއެވެ. އަދި ޝަކުވާއެއްވެސް ނުކުރެވޭނެއެވެ. އެހެނީ އެމީހަކު އެހެރީ ހިތްދަތިކަމުން މިންޖުކޮށްދެއްވަވާ ﷲ ތަޢާލާ އާއި ދެކޮޅުވެރިވެގެންނެވެ.
ވީމާ ހިތްދަތިކަން ކުރިމަތިވިނަމަވެސް އަދި އަތްމަތި ދަތިވިނަމަވެސް އެނޫން މުޞީބާތެއް ކުރިމަތިވިނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެ ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޤުރްއާން ކިވައި ﷲ ތަޢާލާ ހަނދުމަކޮށް ޛިކުރުކުރުން ގިނަކުރާށެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ.
ހިތްތަކަށް ޝިފާލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންކަން ޤުރްއާނުން އެނގެން އޮތްއިރު އެކަމާއި ދުރުހެލިވެ ހުންނަ މީހަކަށް ކުރަން އޮތީ ކޮން ޝަކުވާއެއްހެއްޔެވެ؟ މިއީ އެންމެންނަށްވެސް އެނގޭ ކަންކަމެވެ. ނަމަވެސް އެއްބައަކަށް މިވާގޮތަކީ ކިރިޔާ ކަމެއް ދިމާއިރަށް އެނދަށް އަރަނީއެވެ. އަޅުކަންކުރުންމަތިން ހަނދާން ނައްތައިލެވެނީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން