ތުނބުޅި ބެހެއްޓުމަކީ ސުންނަތެކެވެ. ވީމާ ނުބެހެއްޓުމުގެ އިޚްތިޔާރުވެސް އެބަ އޮތެވެ. ތުނބުޅި ނުބަހައްޓާނަމަ އެސުންނަތަށް ޢަމަލުކުރިކަމުގެ ޘަވާބެއް ނުލިބޭނެއެވެ. ކޮންމެއަކަސް ބަހެއް ބުނަން މިއުޅެނީ ތުނބުޅި ނުބަހައްޓާ މީހުން މަތިމަސް ދިގުކުރުމާއިމެދުގައެވެ. އަދި ތުބުޅިއަށްވުރެ މަތިމަސް ދިގުކުރުމާއިމެދުގައެވެ.
ޙަޤީޤަތުގައި މިއީ މުސްލިމުންގެ ސިފައެއް ނޫނެވެ. ސަބަބަކީ ތުބުޅި ދިގުކުރުމަށާއި މަތިމަސް ކުރުކުރަން ޙަދީޘްފުޅުގައި އެބައޮތެވެ. އެއީ އެހެން ބައެއް ދީންތަކުގެ މީހުންވެސް ތުބުޅި ދިގުކުރާތީ އެމީހުންނާއި ތަފާތުވުމަށެވެ.
އަހުރެންގެ ނަޞީޙަތަކީ އަދި އިލްތިމާސަކީވެސް ތުނބުޅި ނުބަހައްޓާނެނަމަ އެއްވެސް ވަރަކަށް މަތިމަސް ނުބެހެއްޓުމެވެ. އެއިރުން ތުނބުޅި ދިގުކޮށް މަތިމަސްކުރުކުރަން އޮތް ޙަދީޘްފުޅަށް ގޮންޖަހާ މީހަކަށްވެދާނެ ކަމަށްޓަކައެވެ. އަހުރެންގެ ވިސްނުމުގައި އެއީ ތުނބުޅި ނުބެހެއްޓުމަށްވުރެވެސް ނުބައިކަންބޮޑު ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި، ތުނބުޅީގެ މުށަކަށްވުރެ އިތުރުވާބައި ކޮށުމަކީ ހުއްދަކަމެކެވެ. މިގޮތަށް ދެކިލައްވާ ބޭކަލުންގެ ތެރޭގައި ޢަލީ ބިން އަބީޠާލިބް، އަބޫހުރައިރާ، ޢަބްދުﷲ ބިން ޢުމަރު ބިން އަލްޚައްޠާބް، ޠާވޫސް، ގާސިމް ބިން މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.
ޢަޠާ ބިން އަބީރަބާޙް ގެ ކިބައިން ރިވާވެގެންވެއެވެ. "އެބޭކަލުން (ޞަޙާބީން) ޙައްޖާއި ޢުމްރާގައި މެނުވީ ތުބުޅި އަށް މާފްކުރުމަށް ލޯބި ކުރެއްވިއެވެ".
ޙަސަނުލްބަޞްރީ ވިދާޅުވިއެވެ. "ތުނބުޅީގެ މުށަކަށްވުރެ އިތުރުވާބައި ކޮށުމަށް ޞަޙާބީން ރުޚްޞަތު ދެއްވިއެވެ".
ޖާބިރު-ރަޟިޔަﷲ ޢަންހު-ވިދާޅުވިއެވެ. " ޙައްޖާއި ޢުމްރާގައި މެނުވީ ތިމަންމެން ތުނބުޅި ނުކޮށަމެވެ".
ތުނބުޅި މާބޮޑަށް ދިގުވެއްޖެނަމަ ކަންތައް ކުރާނެ ގޮތަކާއި ބެހޭ ގޮތުން އިމާމް މާލިކާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. "ތުނބުޅި ކޮށާލާނީއެވެ".
އިބްނުލްމުފްލިޙް-ރަޙިމަހުﷲ ވިދާޅުވިއެވެ. "ތުނބުޅި މުށަކާއި ހަމައަށް ދިގު ކުރުމަކީ ސުންނަތެކެވެ. މުށަކަށްވުރެ އިތުރުވާބައި ކޮށުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ނުކޮށާ ދޫކޮށްލުމަކީ އެންމެ އައުލާކަން ބޮޑު ގޮތެވެ".
އަލްޢައްލާމާ ބިންބާޒް-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި ތުނބުޅި ކިތަންމެ ދިގުވިކަމުގައިވީނަމަވެސް އެންމެ އިސްތައްޓެއްގެ މިންވަރުވެސް ކޮށުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ "މަތިމަސް ކުރުކުރާށެވެ، ތުނބުޅިއަށް މާފު ކުރާށެވެ، އަދި މުޝްރިކުންނާއި ތަފާތުވާށެވެ"، އެހެން ރިވާޔަތެއްގައި އަންނަނީ "މަޖޫސީންނާއި ތަފާތުވާށެވެ". މިޙަދީޘް ތަކުގައި އަޅުގަޑުމެންނަށް އަމުރުވެވިގެން ވަނީ ތުނބުޅިއަށް މާފުކޮށް، މަތިމަސް ކުރުކޮށް، މުޝްރިކުންނާއި ތަފާތުވުމަށްކަމުން، ތުނބުޅި ކޮށުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށް ޝެއިޚް ބިންބާޒް- ރަޙިމަހުﷲ ވިދާޅުވެއެވެ.
ތުނބުޅިކޮށުން ހުއްދަކަމަށް ދެކިލައްވާ ޢިލްމުވެރިން ގެ ދަލީލުތަކުން ބޮޑަށް ދޭހަވަނީ ޞަޙާބީން ޙައްޖާއި ޢުމްރާގައި ތުނބުޅި ކޮށްޓެވި ކަމަށެވެ. އެހެނިހެން ޙާލަތްތަކުގައި ތުނބުޅި ކޮށުމަށްވުރެ ރަގަޅީ ނުކޮށާ ދޫކޮށްލުން ކަމަށް ދޭހަވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް