އެހެން މީހުންގެ ހިތުގަ ތިބާއާއިމެދު ނުބައި ޝައްކުތައް ކުރެވޭނެ ވީޑިއޯއާ ފޮޓޯ ޢާންމު ކުރުމަކީ ފާފަވެރިވާނެ ކަމެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އެހެން މީހުންގެ ހިތުގަ ތިބާއާއިމެދު ނުބައި ޝައްކުތައް ކުރެވޭނެ ވީޑިއޯއާ ފޮޓޯ ޢާންމު ކުރުމަކީ ފާފަވެރިވާނެ ކަމެއް!: ބިލާލް އައްސަދު

ޢާންމު ދިރިއުޅުމަށް ބަލާށެވެ! އެމީހުން ބޭނުންވާ ގޮތް ދުލުން ހާމަކުރުމުގެ ބަދަލުގައި ޢަމަލުން އެކަން އަންގައިދޭ މީހުން މަދެއް ނުވާނެއެވެ. ބޭނުންވާ ކަންތައް ދުލުން ބުނުމުގެ ބަދަލުގައި އެކަމުގެ މެސެޖް އެމީހުން ދޭނީ ޢަމަލުންނެވެ. ވީމާ މިއީ ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  

ބައެއް މީހުންނަށް ބައެއް ކަންކަން ކުރެވެނީ ތިމާއަށް މިކުރެވެނީ ފާފައެއް ކަމާއިމެދު ވިސްނައި ނުލެވިއެވެ. އެއީ ދީނުގެ ކަންކަން އެވަރަށް އެނގިފައި ނެތުމުންނެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ތިމާގެ އަމިއްލަ ފޮޓޯ އާއި ވީޑިއޯ ކޮންމެ ގޮތަކަށް ހާމަކުރިނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ.  

އެއްގޮތަކަށްވެސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. ތިމާގެ ކޮންމެ ގުނަވަނަކީވެސް ތިމާގެ އަމިއްލައެއްޗެއް ކަމަށް ބަލައި އެގުނަވަނުން ބޭނުންހައި ކަމެއް ކުރަން ހުއްދަވޭ ހެއްޔެވެ؟ މިއަށްވުރެވެސް ތިލަކޮށްލާނަމަ ތިބާގެ ދުލަކީ ތިބާގެ ހަށިގަނޑުގައިވާ ގުނަވަނެކެވެ. އެދުލުން ދޮގުހެދުމާއި ޣީބަބުނުން ފަދަ ކަންކަން ކުރަން ހުއްދަވޭ ހެއްޔެވެ؟ ނުވާނެކަން ޔަޤީނެވެ.  

ތިމާމެންނަކީ ފާޙިޝް ޢމަލުތައް ބޭނުންވެގެން ތިބި ބައެއްކަމަށް ދުނިޔެއަށް އިޢުލާނުކޮށްގެން ތިބި ބައެއް މީހުންގެ ގާތުގައި އެވާހަކަ ދެއްކުމުން އެފަދަ ކަމެއް ނުކުރާކަމަށް އެބަ ބުނެއެވެ. އެކަމުން އެނގެނީ އެމީހުން އެކަން އެކުރަނީ ނުއެނގިތިބެ ކަމެވެ. އެހެންވެ ދަސްކޮށްދީ ހޭލުންތެރިކުރުވުމުގެ ގޮތުން ބުނަމެވެ.  

ފާޑުފާޑަށް ހެދުންލައިގެން ތިބެ ސޯޝަލް މީޑިއާގައި "ސެކްސީ ޕޯޒް" ތަކަށް ފޮޓޯ ޝާއިޢުކުރުމަކީ ތިމާއަކީ ޒިނޭކުރުން ފަދަ ފާޙިޝްޢަމަލުތައް ކުރަން ތައްޔާރަށް ހުރި މީހަކުކަން މުޅި ދުނިޔެއަށް އިޢުލާނުކުރުމެވެ. މިފަދަ އިޢުލާނެއް ކުރުމުން އެތައް މިލިއަން ބައަކުވެސް ލައިކް ދީފާނެއެވެ. މަޝްހޫރުވެސް ވެވިދާނެއެވެ. ނަމަވެސް އެކަމަށް ދެއްވަވާނެ ޢަޛާބުގެ ޛައްރެއްގެ މިންވަރާއިމެދު ވިސްނައިލާ މީހަކުވެސް އެފަދަ ނުބައި ޢަމަލެއް ނުކުރާނެއެވެ.  

މީސްތަކުންނޭވެ! ފާޙިޝް ޢަމަލުތައް ކުރުން ޢާންމުވުމަކީ ފަހުޒަމާން ގާތްވެއްޖެކަމުގެ 5 ޢަލާމާތުގެ ތެރެއިން ހިމެނިގެންވާ އެއް ކަންތަކެވެ. މިހެން ބުނުމުން މިދައްކަނީ ކާފިރުންގެ ވާހަކަ ކަމަށް ހީނުކުރާށެވެ! މިދައްކަނީ މިއުންމަތުގެ މީހުންގެ ވާހަކައެވެ. ކާފިރުންގެ ވާހަކައެއް ނޫނެވެ. ކާފިރުން ހުރިހާ ޒަމާންތަކެއްގައިވެސް ހުރިހާ ފާފަތަކެއްވެސް ކުރެއެވެ.

ހޭލުންތެރިވާށެވެ! މޮޑެލުންނާއި ސްޕަމޮޑެލުން އުޅޭނެއެވެ. އެމީހުން ޖައްސާހައިވައްތަރުތައް ޖައްސާކަށް ނުޖެހެއެވެ. އެމީހުން ފޮޓޯ ނަގާހައި ޕޯޒްތަކަށް ފޮޓޯނަގާކަށް ނުޖެހެއެވެ. ހާމަކުރާކަށްވެސް ނުޖެހެއެވެ. އެމީހުން މޭކަޕްކުރާހައި ގޮތަކަށް މޭކަޕްކުރާކަށް އަދި އެމީހުން ލާހައި ގޮތަކަށް ފޭރާންލާކަށްވެސް ނުޖެހެއެވެ. ކާފިރުންނާއި އެއްގޮތް ނުވާން ދީނުގައި އޮތީ މުހިންމު ސަބަބުތަކަކަށްޓަކައެވެ.  

މީގެ އެންމެ ހިތާމަހުރި އެއްކަމަކީ ބައެއް މުސްލިމް މައިންބަފައިން ނުވަތަ ގާތްތިމާގެ މީހުން އެމީހުން އެމީހުންގެ ދަރިންގެ މިފަދަ ފޮޓޯތައް ޢާންމުކުރަމުން ގެންދާކަމެވެ. ފަހަރެއްގައި ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ. ހޭލުންތެރިކުރުވަން މަސައްކަތް މިކުރަނީ އެސަބަބަށްޓަކައެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން