މައްސަރުކަންތައް ޖެހިގެންނަމަވެސް ނިފާސްކަމުން ޠޯހިރު ނުވެވިގެން ނަމަވެސް ސަބަބެއް ދިމާވެގެން ފަހުދިހައިގެ ރޭތަކުގައި ނަމާދުކުރެވެން ނެތް އަންހެނުން މާޔޫސްވެ ފަހަތަށް ޖެހުމެއް ނެތެވެ! ލިބިގަންނަން މަސައްކަތްކުރުމުން ލައިލަތުލް ޤަދްރި ލިބިގަނެވޭނެއެވެ.
އެކަނބަލުން ނުކުރެވޭނެ ކަމަކީ ނަމާދުކުރުމެވެ. ނަމާދުގައި ކުރާ ކަންކަން ކުރެވޭނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ.
ނަމާދުގައި އަހުރެމެން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ޤުރްޢާން ކިޔެވުމާއި ޛިކުރުކުރުމާއި ދުޢާކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ކުރިން ބުނިފަދައިން ސަބަބެއް ދިމާވެގެން ނަމާދު ނުކުރެވުނަސް މިކަން ކުރެވޭނެއެވެ. އެކަންކަން ކުރުމަކަށް އެއްވެސް ހުރަހެއް ނެތެވެ.
ވީމާ ނަމާދުނުކުރެވޭތީ އެކަން ސަބަބަކަށް ހަދައި ލައިލަތުލްޤަދްރްވިލޭރޭ ޙާޞިލުކުރަން މަސައްކަތް ނުކޮށް ނުތިބޭށެވެ! ނަމާދުކުރެވޭއިރު ފަދައިން ހީވާގިވެލައިގެން ޤުރްއާން ކިޔަވައި ޛިކުރުކޮށް ދުޢާކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ! އެމީހަކަށް ލައލަތުލްޤަދްރި ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން