ރޯދައަށް ތިބެ ގިނަ ބައަކަށް ކުރެވޭ އެންމެ ނުބައިކަންތައް ގިނަ ބައަކަށް ވަނީ އޮޅިފައެވެ. ބައެއް މީހުންނަށް ހީކުރެވެނީ އެއީ އެންމެ ބޮޑެތި ފާފަތައް ކުރުން ކަމަށެވެ. ނަމަވެސް ރޯދައަށް ހުންނަ މީހާ އެފަދަ ބޮޑެތި ފާފަތަކެއް ނުކުރާނެއެވެ. އަދި ފާފައަކަށްވެދާނެކަމަށް ޤަބޫލުކުރެވޭ ކަމެއްވެސް ނުކުރާނެއެވެ.
އަހުރެން ފާހަގަކުރަން މިއުޅެނީ އެއީ ފާފައެއް ކަމަށް ނުދެކި ގިނަ ބައަކަށް ކުރެވޭ އެންމެ ނުބައިކަންތަކެވެ. އެކަމަކީ ރޯދަކުރުކުރުމުގެ ބޭނުމުގައި ވަޤުތު ނަގައިލުމެވެ. ރޯދައަށް ފައިދާ ނުކުރާނެ ކަންކަން ކުރަން ވަޤުތު ހޭދަކުރުމެވެ.
މިޘާލަކަސް ބުނާނަމަ ގެއަށް ބޭނުންވާ އެއްޗެތި ގަންނަން ބާޒާރަށް ދިއަނަމަވެސް ވީހާއަވަހަކަށް އެނބުރި ގެއަށްދާށެވެ! ބައްދަލުވާ މީހުންނާ ބޭކާރު ވާހަކަތައް ދައްކަން ވަޤުތުތައް ހޭދަނުކުރާށެވެ! އަދި ގެއަށް ދެވުމުންވެސް ރޯދައަށް ފައިދާނުކުރާނެ ކަންކަން ކުރަން ވަޤުތު ނަގައިނުލާށެވެ! ރޯދައަށް ފައިދާކުރާނެ ކޮންމެވެސް ކަމެއް ކުރަން މަސައްކަތް ފަށާށެވެ!
ރޯދައަށް ފައިދާނުކުރާނެ ޕްރޮގްރާމްތައް ޓީވީން ބެލުމަށާއި ގޭމްކުޅުމާއި ބޭކާރު ވާހަކަތައް ގިނަކުރުމާއި ސޯޝަލްމީޑިއާގައި ވަޤުތު ބޭކާރުކުރުން ފަދަ ކަންކަން ނުކުރާށެވެ! އެއިގެ ބަދަލުގައި ޤުރްއާން ކިޔެވުން، ޛިކުރުކުރުން ފަދަ ކަންކަމުގައި ވަޤުތު ހޭދަކުރާށެވެ! ހިފައިގެންހުރި ރޯދައަށް ފައިދާކުރާނީ އެއިރުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން