ކުރާނެހައި ކަމެއް ކުރަމުން އުޅެން ބޭނުންވާހައި ގޮތަށް އުޅެމުން ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމަށް އުންމީދުކުރުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކުރާނެހައި ކަމެއް ކުރަމުން އުޅެން ބޭނުންވާހައި ގޮތަށް އުޅެމުން ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމަށް އުންމީދުކުރުމެއް ނެތް!

ގިނަ ބައަކު ކަންބޮޑުވަނީ ތިމާއާއިމެދުގައެވެ. ތިމާއަށް އުޅެވޭ ގޮތާއި ކުރެވޭ ޢަމަލުތަކާއިމެދު ކަންބޮދެއް ނުވެއެވެ. ޙަލާލް ރިޒުޤްކައި ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތެއް ނުކުރެއެވެ. އެކަމަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެންވެސް ކަންބޮޑުވެއެވެ. މިއީ ދެކޮޅުޖެހޭނެ ކަމެއް ހެއްޔެވެ؟

މަސައްކަތް ކުރުމުން އާމްދަނީ ލިބެއެވެ. މުސާރަވެސް ލިބެއެވެ. ނަމަވެސް ހިތެއް ނުފުރެއެވެ. މިއީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި މިންވަރު ކަމަށް ޤަބޫލުކޮށް ޝުކުރުވެރިވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. ގިނަ ބައަކު މަސައްކަތްކުރަނީ ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ތިމާއަށްވުރެ ގިނަ ފައިސާ ލިބޭ މީހުންނާއި އެއް ފެންވަރުގައި ދިރިއުޅުމަށެވެ.

ﷲ ތަޢާލާ ދެއްވަވަވާ މިންވަރަށް ހިތް ނުފުރުމުން ހިތް ފުރަން މިކުރާ ކަންކަމަކީ ވައްކަން ކުރުމާއި ކޮރްޕޝަނާއި އެނޫންވެސް ހުއްދަ ނޫން ގޮތްގޮތަށް ފައިސާ އާއި ތަކެތި ހޯދުމެވެ. އެގޮތަށް އެކަން ކުރުމުން އެމީހަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަށް އެނގެން އޮތުމާއިއެކުގައިވެސް އެގޮތަށް އެކަންކަން ކުރުމަށްފަހު ދުޢާ ވެސް ކުރަނީއެވެ. ދުޢާ ޢިޖާބަ ނުކުރެއްވެވުމުން ޝަކުވާ ވެސް ކުރަނީއެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ﷲ ތިއަބައިމީހުންނަށް ދެއްވެވި ރަނގަޅު ތަކެތިން ތިއަބައިމީހުން ކައި އުޅޭށެވެ! އަދި، ތިއަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަން ކުރާ ކަމުގައި ވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!" (ބަޤަރާ ސޫރަތުގެ 172)

މިއާޔަތުން އެނގިގެންދަނީ ކައިބޮއި ހަދަން ޖެހޭނީ ﷲ ތަޢާލާ ޙަލާލް ކުރައްވަވާފައިވާ ތަކެތި ކަމެވެ. އެހެންކަމުން ޙަރާމްވެގެންދަނީ ހަމައެކަނި ޙަރާމް ކުރެއްވެވި ތަކެއްޗެއް ނޫނެވެ. ޙަލާލު ތަކެތި ހޯދާ ގޮތުން އެތަކެތި ޙަރާމްތަކެއްޗަށް ބަދަލުވެގެންދެއެވެ. ވީމާ ދުޢާ އިޖާބަ ކުރެއްވެވުމަށް އެދޭ ނަމަ ޙަރާމް ކުރައްވަވާފައި ބާވަތްތައް ނުކެއުމުގެ އިތުރުން ޙަލާލް ކުރއްވަވާފައިވާ ތަކެތި ޙަރާމް ތަކެއްޗަށް ބަދަލުކޮށްގެން ކައިބޮއި ހަދާ ބައަކު ކަމުގައި ނުވާށެވެ! އަދި ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ ބައަކު ކަމުގައިވާށެވެ!

ދުޢާ އިޖާބަ ކުރައްވަވަން އެދޭމީ ޙަލާލް ރިޒްޤް ކައި އުޅުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ގިނަ ބައަކު ޝަކުވާ ކުރާއިރު ނުވަތަ އެކަމާއި ހިތާމަކުރަމުން ގެންދާއިރު ޙަލާލް ރިޒްޤް ކައިބޮއި ހެދުމަށް ސަމާލުކަން ދޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.

ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ގޮތުގައި އާމްދަނީ ހޯދަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާ އާމްދަނީ ދެއްވަވާނެތެވެ. އިތުރުކުރަން މަސައްކަތް ކުރަންވާނީ ވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ހުރިހާ ވެސް މައްސަލައަކީ ހިތް ނުފުރޭ ކަމެކެވެ. އެންމެ ހިތާމަހުރި އެއް ކަމަކީ ހިތް ނުފުރިގެން ޙަރާމް ގޮތުގައި އާމްދަނީ ހޯދަނީވެސް ﷲ ތަޢާލާ އާމްދަނީ ދެއްވަވާ މީހުންކަމެވެ. ދެއްވަވާ މިންވަރަށް ޝުކުރު ނުކުރެވިގެން ޙަރާމް ކަންކަންކޮށް ޙަރާމް ގޮތުގައި ފައިސާ ހޯދާކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން