ފިރިމީހާ މިހެން ބުނެފި، އެވެނި ޢިބާރާތަކުން މެސެޖްކޮށްފި! ވަރިވާނެތަ؟ މިއީ ގިނަ ބައެއްގެ ކިބައިން ކުރިމަތިވާ ސުވާލެކެވެ. އެހެންވެ އެކަން އޮތް ގޮތް ބުނެދޭން މަސައްކަތްކުރާނަމެވެ. ސަމާލުވާންވީ ކަންކަންވެސް ބުނެދޭނަމެވެ. އިން ޝާ ﷲ
ފުރަތަމަ ކަމަކަށް ކައިވެނިކުރުމަށްފަހު ސަމާސައަށް ނަމަވެސް ވަރީގެ ވާހަކަ ނުދައްކާށެވެ! ވަރިބަސް ނުބުނާށެވެ! "ވަރި" މި ބަސްވެސް ދެމަފިރިންގެ ރަދިފުން ފުހެލާށެވެ! އެހެނީ އެފަދަ ބަހެއް ބުނުމަށްފަހު އެއީ ސަމާސައަކަށް ބުނި ބަހެއްކަމަށް ބުނުމަކުން ނުފުދޭނެއެވެ. ވަރިކޮށްފިން ކަމަށް ބުނެވިއްޖެނަމަ އޮންނާނީ ކައިވެނި ރޫޅިފައެވެ.
"ކަލެއާއެކު ދިރިއުޅެން ބޭނުން ނޫންކަމަށް" ފަދަ ބަހެއް ބުނުމަކުން ވަރިއެއް ނުވާނެއެވެ. ވަރިވާނީ ސާފު ޢބާރާތުން ވަރިކޮށްފިންކަމަށް ބުނުމުންނެވެ. ނަމަވެސް ބުނެވޭ މިފަދަ ބަސްތަކާއި ގުޅިގެން ވަރިކުރެވުނީކަމާއިމެދު ބައެއް މީހުން ޝައްކުކުރެއެވެ. އެއީ ޝައިޠޯނާ އުފައްދުވާ ޝައްކެކެވެ. މަޤްޞަދަކީ ބުނެވުނު ބަހާއި ގުޅިގެން ކައިވެނި ރޫޅިއްޖެކަން ވިސްނައިދީ ދެމަފިރިން ދުރުކުރުވުމެވެ.
ބައެއް ހާލަތްތަކުގައި ފިރިން ތަފާތު ޢިބާރާތްތައް ލިޔެ މެސެޖުވެސް ކުރެއެވެ. އެގޮތަށްކުޜާ މެސެޖެއްގައިވެސް ސާފުޢިބާރާތުން ވަރިކޮށްފިން ކަމަށް ބުނެފައިނުވާނަމަ އިތުރަށް ސުވާލުކޮށް ބުނެފައިވާއެއްޗެއް ޔަޤީންކުރަންވާނެއެވެ. ދެމަފިރިންގެ ދެމެދަށް ވަނުމުގެ ފުރުޞަތު ޝައިޠޯނާއަށް ކުޑަވާނީ އެއިރުންނެވެ.
ވީމާ ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް އަދި ސަމާސަކުރަން ނަމަވެސް ވަރީގެވާހަކަ އެއްގޮތަކަށްވެސް ނުދައްކާށެވެ. ކަނޑައެޅިގެން ވަރިކުރުމުގެ ނިޔަތް ނެތި ވަރީގެ އެއްވެސް ވާހަކައެއް ނުދައްކާށެވެ! ދައްކާނަމަ ދެމެދަށް ޝައިޠޯނާ ވަދެގަންނާނެއެވެ. އޭތި އަބަދުވެސް ހުންނާނީ އެފަދަ ފުރުޞަތަކަށް ބަލަބަލައެވެ.
އިސްލާމް ދީނުގައި ވަރިކުރުން އަދި ވަރިވުންވެސް ހުއްދައެވެ. ނަމަވެސް އެއީ ކައިވެނި އިތުރަށް ދެމެހެއްޓޭނެ އެއްވެސް މަގެއް ނުފެނިއްޖެނަމަ އެންމެފަހުން ކުރަން އޮތް ކަންތަކެވެ. އަދި ކައިވެނި ޜޫޅިގެންދިއުމަކީ ރޫޅިއްޖެނަމަ އަނބުރައި ރުޖޫޢަކުރަން ވަރަށް ގިނަ ދަތިތައް ވެސް ކުރިމަތިވާ ކަމެކެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން