ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅެވޭނެ މައިދާނެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކޮށްދީފިއެވެ.
މި މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން ފަށާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ރޭގެ ވަގުތެއްގައި އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ވަނީ ނިންމާލާފައެވެ.
މި މައިދާން ތައްޔާރުކުރުމަށް ނިންމާފައިވަނީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރެއިން ބަޔަކު ތައްޔާރުވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.
"މި ސަރުކާރަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ސަރުކާރެއް" ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލު ހޯއްދަވައިދެއްވުމަށް ރެއާއި ދުވާލު މަސައްކަތްޕުޅު ކުރައްވަމުންނެވެ. މި މައިދާން ޤާއިމްކުރުމަކީ އެކަމުގެ އަމަލީ ހެއްކެކެވެ.