ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ފަރާތުން 224،754 ރުފިޔާގެ އަގުހުރި މެޝިނަރީޒްއާއި ޓެސްޓު ކިޓުތަކެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަދިޔާ ލިބިފައިވަނީ ދިވެހި ސަރުކާރާއި ޗައިނާގެ "ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" އަދި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި ހަދިޔާގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ތެރޭގައި ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓް ހިމެނެއެވެ. މީގެއިތުރުން، އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރާއި، ދޫނިރޯގާ ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓް ވެސް ހިމެނެއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާރު ރާއްޖެއަށް ގެނެވިފައިވާ މި ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.