ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ލިބޭގޮތަށް ނިޒާމު ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ލިބޭގޮތަށް ނިޒާމު ބަދަލުކޮށްފި

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެނދުމަތި ނުވެ ހޯދާ ސިއްޙީ ޚިދުމަތްތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި ބަދަލާއެކު، ޕްރައިވެޓް އިންޝުއަރެންސް ބޭނުންކުރުމަށްފަހު އާސަންދަ ސްކީމުން އެ ޚިދުމަތަކަށް ކަނޑައަޅާފައިވާ އަދަދު ލިބޭނެއެވެ.

އާސަންދައިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، މި އައު އުސޫލުގެ ދަށުން ޚިދުމަތް ދޭން ފަށާފައިވަނީ 19 މާރިޗު 2025 އިން ފެށިގެންނެވެ. މި ތާރީޚުން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީ މި އުސޫލުގެ ދަށުން ތަންފީޒުކުރެވޭނެއެވެ.

އައުޓްޕޭޝަންޓް އެހެނިހެން ޚިދުމަތްތަކަށް މި އުސޫލުން އަމަލުކުރަން ފަށާނީ 27 މާރިޗު 2025 އިން ފެށިގެންކަން އާސަންދައިން ފާހަގަކޮށްފައިވެއެވެ. މި ބަދަލާއެކު، ޚިދުމަތް ހޯދާއިރު އެންމެ ފުރަތަމަ ޗާޖުކުރެވޭނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭންއިން ފޯރުކޮށްދޭ މިންވަރަށެވެ.

އާސަންދައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޕްރައިވެޓް އިންޝުއަރެންސްގެ ޕްލޭންއިން ކަވަރުކުރާ މިންވަރަށްވުރެ އިތުރުވާ އަދަދު، އާސަންދައިގެ ލިމިޓުގެ ތެރެއިން އާސަންދައިން ފޯރުކޮށްދޭނެއެވެ. މިއީ އާސަންދަ ސްކީމް ރިފޯމް މަސައްކަތުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ.

މި ބަދަލު ގެނައުމަށްޓަކައި އާސަންދައިގެ ނިޒާމުތަކަށާއި އިންޓަގްރޭޓް ކޮށްގެން ޚިދުމަތްދޭ އަމިއްލަ މަރުކަޒުތަކުގެ ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ގެނެސްފައެވެ.

މިއަދު އޮންލައިން