ﷲ ތަޢާލާގެ ޙަޟްރަތުގައި ކުސްވެރިނުވާނެ ބައަކުވެއެވެ. އެއިގެ ތެރެއިން އެއްބައަކީ ބޮޑު މީހަކު ނަމަވެސް ވިސްނުން ފުރިހަމަނޫން މީހުންނެވެ. މިބުނަނީ ވިސްނުމުގެ ޤާބިލުކަން ލިބިފައިނުވާ މީހުންގެ ވާހަކައެވެ. ހަމައެފަދައިން ބާލިޣްނުވާ ކުޑަކުދިންނަށްވެސް އޮތީ ހަމަ އެގޮތެވެ. އެކުދިންނަށް ކުރެވޭ ކަމަކުން އެކުދިން ފާފަވެރިއެއް ނުވާނެއެވެ. އެކުދިން ދުނިޔޭގައި ތިބިނަމަވެސް އެކުދިންނަށް ވަނީ ޚާއްޞަ ޢިނާޔަތްތަކެއް ދެއްވަވައިފައެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަކީ ﷲ ތަޢާލާ އަހަރެމެންނާއި ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. އެންމެ ބޮޑު އެއް އަމާނާތް ކަމަށްވެސް ބެލެވެއެވެ. ހުރިހާ ޢުމުރެއްގެ ދަރިންނަށްވެސް ހެޔޮކޮށްހިތަންވާނެއެވެ. އޯގާތެރިވާންވާނެއެވެ. އެހެންކަމާއިއެކުވެސް މިރޭ މިފާހަގަކުރަނީ ވަރަށް ޚާއްޞަ ޢުމުރެއްގެ ކުދިންގެ ވާހަކައެވެ. އެއީ ބާލިޣްނުވާ ކުޑަކުދިންގެ ވާހަކައެވެ.
ބާލިޣް ނުވާ ކުޑަކުދިންނަކީ ﷲ ތަޢާލާގެ ޚާއްޞަ ރައްކުތެރިކަން ލިބިގެންވާ ބައެކެވެ. އެކުދިންގެ މައްޗަކަށް ދީނުގެ އެއްވެސް ކަމެއް ވާޖިބުވެގެނެއް ނުވެއެވެ. އެކުދިންނަށް ކުރެވޭ އެއްވެސް ކުށަކީ ފާފައަކަށް ނުވެއެވެ. ބާލީޣް ނުވަނީސް މަރުވެއްޖެނަމަ އެކުދިންގެ ފުރާނަތައް ވާނީ ﷲ ތައާލާގެ ރަޙްމަތުގައެވެ. އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައި އެކުދިންތައް އިބްރާހީމްގެފާނާއިއެކު ރަސޫލް ﷺ އަށް ވަނީ ދައްކަވައިފައެވެ.
ދެން ނިކަން ބުނެބަލާށެވެ! ﷲ ތައާލާގެ ޙަޟްރަތުގައި އެއްވެސް ކުށެއް ނުވާ ޢުމުރުގައި އެކުދިންނަށް ކުރެވޭ ކަންކަން ކުށްވެރިކޮށް އެކުދިންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ޙައްޤު މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ލިބިގެންވާނީ ކިހިނަކުންހެއްޔެވެ؟
އެއްވެސް ޙާލެއްގައި މިދައްކަނީ ދަރިންގެ ކަންކަން އިޞްލާޙްކުރަން އެކުދިންގެ ޢުމުރާއިގުޅޭ ގޮތަށް ކުރަންޖެހޭ ކަންކަން ނުކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ ކުރަންޖެހޭނެ ކަންކަމެވެ.
ލޮބުވެތިމައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ކުޑަކުދިންނަށް ހަރުކަށި ނުބައިބަސްތައް ނުބުނާށެވެ! އެކަމުގެ ނޭދެވޭ އަސަރު ކުއްޖާއަށް ކުރާނެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް ކުދިން ހިތްހަރުވެ ހަމައެފަދަ ނުބައިބަސްތައް ބުނާ ކުދިންނަށް ބަދަލުވެގެންދެއެވެ.
ނަޞޭޙަތްދިންކަމުގައިވީނަމަވެސް ލޯތްބާއި އޯގާތެރިކަމާއިއެކުގައި ނަޞޭޙަތްދޭށެވެ. ކުރެވުނީ ކުށެއްކަން ވިސްނައިދޭށެވެ. ދެން އެފަދަ ކަމެއް ނުކުރަން ހިތްވަރުދޭށެވެ. ނޫނީ އިޞްލާޙްވުމުގެ ބަދަލުގައި ދަރިންގެ ކަންކަން ދާނީ ގޯސްވަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން