ބައިވެރިޔާގެ ކިބައިގައި ހުރި ސިފަތައް އޮޅުންފިލުވައި ދަސްކުރުމަކީ ކައިވެނީގެ ކުރިން ކުރަން އޮތް ކަމެކެވެ. ކައިވެނިކުރެވިއްޖެނަމަ އޮތީ ބައިވެރިޔާގެ ކިބައިން ފާހަގަކުރެވޭ އުނިކަންކަމަށް ރުޅި ނައިސް ކެތްތެރިވެލައި އެކަންކަން އިޞްލާޙްކުރުވަން ހިތްވަރުދީ އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ! އެއީ އާޚިރަތް ދުވަހުވެސް ފައިދާކުރާނެ ކަމެކެވެ. އިން ޝާ ﷲ
ރަނގަޅަށް ވިސްނާށެވެ! ލިބުނު ބައިވެރިޔާގެ ކިބައިގައި އުނިސިފަތަކެއް ހުރިނަމަ އެއީ އަނބިމީހާއަށްވެސް އަދި ފިރިމީހާއަށްވެސް ލިބޭ ވަރަށް ބޮޑު ރަޙްމަތެއްކަމުގައި ދެކޭށެވެ. އެއީ ކައިވެނި ގޯސްވެއްޖެ ކަމަށް ބަލައި ރޫޅައިލަންޖެހޭ ސަބަބަކަށް ނުހަދާށެވެ!
ކެތްތެރިވެލައި އެކަންކަން އިޞްލާޙްކުރުވަން މަސައްކަތްކުރާށެވެ. އެކަންކަން ކާމިޔާބުކުރެވުމުން މީހަކު އިޞްލާޙްކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އެއީ ހޯދެން އޮތް ކިހައި ބޮޑު ނިޢްމަތެއް ހެއްޔެވެ؟ އެވަރުގެ ފައިދާހުރި ފުރުޞަތެއް ދޫކޮށްލަން ހެޔޮ ނުވާނެއެވެ.
އެކަމަކުވެސް ބުނަމެވެ. މިދައްކަނީ އެމިހާގެ ކިބައިން ހަރުކަށިކަމާއި ދޫނުބައިވުމާއި އަނިޔާވެރިކަން ފެންނަ މީހުންގެ ވާހަކައެއް ނޫނެވެ. އެކަންކަމަށް ކެތްތެރިވުމަކަށް ނޫނެވެ.
މިބުނަނީ މީހުންގެ ކިބައިގައި ހުންނަ އުނިކަންކަމުގެ ވާހަކައެވެ. އުނިކަމެއް ނެތް ހަމައެކަކުވެސް ނުއުޅޭނެއެވެ. ތިމާގެ ކިބައިގައިވެސް އުނިކަންތައްތަކެއް ހުންނާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ. އެއީ އިންސާނަކަށްވީތީ ހުންނަ އުނިކަންކަމެވެ.
އެފަދަ ކަންކަން އިޞްލާޙްކުރުމުގައި ބައިވެރިޔާއަށް އެހީތެރިވެދޭށެވެ. އެކަމަށް މަސައްކަތްކުރަމުން ދުޢާކުރަމުން ގެންދާށެވެ. ހިންމަވައިދެއްވަވާނެތެވެ. އެކަންކަން އިޞްލާޙްކުރެވުމުން ލިބޭ ހިތްހަމަޖެހުންވެސް ވަރަށް ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން