ފާފަކުރާނަމަ އެމީހަކަށް ދުނިޔޭގަ ލިބޭ އެންމެ ބޮޑު ޢަޛާބު-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފާފަކުރާނަމަ އެމީހަކަށް ދުނިޔޭގަ ލިބޭ އެންމެ ބޮޑު ޢަޛާބު-

އަހުރެން މިކުރަނީ ވަރަށް މުހިންމު ސުވާލެކެވެ. އެސުވާލަކީ ފާފަކުރަން ފެށުމުން ލިބޭ އެންމެ ބޮޑު ޢަޛާބަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ޖަވާބުގައި ގިނަ ބައަކު ބުނާނީ ނަރަކައިގެ ޢަޛާބުކަމަށެވެ. ޖަވާބުވެސް ރަނގަޅެވެ. ނަރަކައިގެ ޢަޛާބަށްވުރެ ގަދަފަދަ ޢަޛާބެއް ނުވެއެވެ. 

އެކަމަށް އަހުރެންވެސް އެއްބަސްވަމުން މިބަލައިލަނީ އެޢަޛާބާއި ހަމައަށް ދެވޭ ގޮތަށެވެ. ނުވަތަ ކުރެވޭ ދަތުރަށެވެ. 

މީހަކު ބިރެއް ނެތި ފާފަކުރަން ފަށައިފިނަމަ، ކުރެވޭ ފާފަތަކަށް ތައުބާވެ އިޞްލާޙްވާން މަސައްކަތް ނުކުރާނަމަ އެމީހެއްގެ ހިތް ހިލަފަދައިން ހަރުވެގެންދެއެވެ. މާނައަކީ ހިތުން ބިރުވެރިކަން ކެނޑި ކިތަންމެ ނުބައި ކަމެއް ނަމަވެސް ކުރަން ޖެހިލުން ނުވާން ފަށައެވެ. 

އެކަމުގެ ނަތީޖާއަށްވަނީ ﷲ ތަޢާލާގެ ނަންފުޅު އަޑުއިވުނަސް، ކީރިތި ޤުރްއާން ކިޔަވާއަޑުއިވުނަސް ދީނީ ދަރުސެއްގެ އަޑުއިވުނަސް ހިތަށް އެއްވެސް އަސަރެއް ނުކުރުމެވެ. 

އެހިސާބުން ކަންކަން ވިސްނި ތައުބާވާން މަސައްކަތް ނުކުރެވިއްޖެނަމަ އިސާހިތަކު އެމީހަކީ ގެއްލެނިވެގެން ހިނގައިދާނެ މީހެކެވެ. މަގުފުރެދިގެން ހިނގައިދާނެ މީހެކެވެ. ނަރަކައިގެ ޢަޛާބު އެމީހަކަށް ލިބެނީ މިފަދަ ޙާލަތު ކުރިމަތިވުމުންނެވެ. 

ވީމާ ފާފަކުރަން ފެށުމުން އެމީހަކަށް ދުނިޔޭގަ ލިބޭ އެންމެ ބޮޑު ޢަޛާބަކީ އެމީހާގެ ހިތް ހިލަވުން ކަމަށް ބައެއް ޢިލްމުވެރިން ސިފަކުރައްވަވައެވެ. އެއީ އެމީހަކު ނަރަކައިގެ ޢަޛާބުގެ ތެރެއަށް ވެއްޓިގެންދިއުމުގެ ސަބަބަކަށް އެކަންވެގެންދާ ކަމަށްޓަކައެވެ.

އެހެންކަމުން ﷲ ތަޢާލާގެ ނަންފުޅު އަޑުއިވޭ ހިނދުގައްޔާއި ކީރިތި ޤުރްއާން ކިޔަވާއަޑުއިވޭ ހިނދުގައްޔާއި ދީނީ ދަރުސެއްގެ އަޑުއިވޭ ހިނދުގައި ތިމާގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނަމަ ވަރަށް ބޮޑަށް ބިރުގަންނަންވާނެއެވެ. އެޙާލަތުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރަން ފަށަންވާނެއެވެ. 

ތިމާއަށް ކުރެވެނީ ކޮންކޮން ފާފަތަކެއް ކަމާއިމެދު ވިސްނައި ތައުބާވުމަށް އަވަސްވެގަންނަވާނެއެވެ. ސަލާމަތްކަން ލިބެން އޮތީ އެއިރުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން