ސުވަރުގޭގެ ނިޢުމަތްތައް އުނގެނެން މަސައްކަތްކުރުމަކީ ސުވަރުގެއަށް ޝައުޢުވެރިކަން އިތުރުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ސުވަރުގޭގެ ނިޢުމަތްތައް އުނގެނެން މަސައްކަތްކުރުމަކީ ސުވަރުގެއަށް ޝައުޢުވެރިކަން އިތުރުވާނެ ކަމެއް!

އެކަމެއް ކުރުމުން ނުވަތަ އެކަމެއް ޙާޞިލުވުމުން ތިމާއަށް ކުރާނެ ފައިދާތައް އެނގުމަކީ އެކަމެއް ލިބިގަތުމަށް ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ. އެކަމެއް ޙާޞިލުކުރަން ކުރާ މަސައްކަތް އިތުރުކުރަން ހިތްވަރުލިބޭ ކަމެކެވެ. ސުވަރުގެ ހޯދަން ކުރާ މަސައްކަތުގައިވެސް އޮތީ ހަމަ މިގޮތެވެ.  

ސުވަރުގެ ބޭނުން ނުވާނެ މީހަކު ހުންނާނެއެވެ. ސުވަރުގެއިން ލިބެންހުރި ނިޢްމަތްތައްވެސް ބޭނުންނުވާނެ މީހަކު ނުހުންނާނެއެވެ. އެކަމަކުވެސް ހިތާމަކީ ސުވަރުގެ ހޯދަން ނުވަތަ ސުވަރުގެ ވަންނަން ކުރަންޖެހޭ މަސައްކަތްކުރަން ފަސްޖެހެވޭ ކަމެވެ. 

ސުވަރުގެ ސިފަކުރައްވަމުން އައްޝައިޚް އަޙްމަދު ނާޒިޙް ވިދާޅުވެފައިވެއެވެ. 

"ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. ހުރިހާ ހިތްހަމަޖެހުމަކާއި ނަފްސު އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ.

އެސުވަރުގޭގެ ބިން ތައްޔާރުވެވިގެންވަނީ ގޮމަކަސްތޫރިންނެވެ. އެތާނގެ ފަންގިފިލާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތަށް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. އެތަނުން، ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. ސުވަރުގޭގައި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ، ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް ލައްޛަތު ލިއްބައިދޭ މަސްތުވުމެއްނެތް ރަލުގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތަކެވެ.

އެތާނގެ އަހުލުވެރިންގެ ކާނާއަކީ އެމީހުން ޚިޔާރުކުރާ މޭވާއެވެ. އަދި އެމީހުން އެދޭ ކޮންމެ ދޫންޏެއްގެ މަހެވެ. އެމީހުން ބޯހުށީ ކާފޫރާއި ރަންޖަބީލު އެއްކޮއްފައިވާ ރަލެވެ. ކެއިންބުއިމަށްފަހު ފާޚާނާ ކުރުމުގެ ބަދަލުގައި އެމީހުންގައިން ހިއްލާނީ ދަލެކެވެ. އެ ދަލުގެވަސް ގޮމަކަސްތޫރިގެ ވަސްފަދައެވެ. އެމީހުން ލާނީ ފަށުއި ފޭރާންތަކެވެ. އެމީހުންގެ އެނދުތަކުގެ ދަށްފުށް ހެދިފައިވަނީ ފަށުއިންނެވެ. އެމީހުން ބޭނުންކުރާ ތަށިތައް ހެދިފައިވަނީ އެތެރެފެންނަ ރަނާއި ރިހިންނެވެ. އެތާނގެ އަހުލުވެރިންގެ ރީތިކަން ސާދަވިލޭރޭގެ ހަނދުފަދަ ވާނެއެވެ. އެމީހުންގެ ޢުމުރަކީ، ޒުވާންކަމުގެ ކުންނު ކަމުގައިވާ ތެއްތިރީސް އަހަރެވެ. އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ."

 

 

 

މިއަދު އޮންލައިން