ޢާއިޝަތު ރަފާޙް ޢަލީ
އަހުރެމެންނަށް އޮތީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމެވެ. ނަމަވެސް ގިނަ ބައަކަށް މިއަދު ޢަމަލުކުރެވެނީ އެއިގެ އަނެއްކޮޅަށެވެ. އެގޮތަށް އެކަންވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ޛިކުރުކުރުމާއި ދުރުހެލިވެވޭ ކަމެވެ.
ޛިކުރު ކުރުމުގެ އެންމެ ފުރަތަމަ މާނަ އަކީ ހުރިހާ އަޅުކަމެކެވެ. ނަމާދު ކުރުމާއި ރޯދަ ހިފުމާއި، ގުރުއާން ކިޔެވުން ފަދަ ހުރިހާ އަޅުކަމެކެވެ.
ދެވަނަ މާނަ އަކީ ޤުރުއާން ގައިވާ ލަފްޒުތަކުން ނުވަތަ ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ފަރާތުން އައިސްފައިވާ ބަސްފުޅުތަކުން ޛިކުރު ކުރުމެވެ.
ތިންވަނަ ވައްތަރަކީ ދެވަނައަށް ބުނިފަދައިން އެއްޗެއް ހިތަށް އެރުވުމެއް ނެތިވެސް ޤުރްއާން ކިޔަވާ ޛިކުރު ކުރުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާން ގެ އަހްޒާބް ސޫރަތުގެ 35 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾ މާނައީ: " ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."
އަދިވެސް ﷲ ތަޢާލާ ކީރިތި ޤުރުއާންގެ ބަގަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾ މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!"
ޛިކުރު ކުރުމުގެ ބައެއް ފައިދާ:
ﷲ ތަޢާލާ އާއި ކައިރިވުމަށް އެހީވެދޭ
ޝައިތާނާގެ ވަސްވާސްތަކުން ދުރުކޮށްދޭ
އިންސާނާގެ މޫނާއި ހިތް އަލިކޮށްދޭ
ޢާފިލް ކަމުން ދުރުކޮށްދޭ
ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވި ނިޢުމަތްތައް އިތުރުވެގެންދޭ
ފާފަތަކުން ދުރުކޮށްދޭ
ﷲ ތަޢާލާއަށް ޝުކުރުވެރިވާކަމުގެ ސަބަބެއް ކަމުގައި ވެގެންދޭ
އިންސާނާގެ ކަރާމާތްތެރިކަން އިނގިގެންދޭ