ރޭގަނޑުގެ ފަހުދަންފަޅީގަ ހޭލައިގެން ރޭއަޅުކަން ނުކުރެވޭ މީހުންނަށް އެންމެ ފައިދާކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ރޭގަނޑުގެ ފަހުދަންފަޅީގަ ހޭލައިގެން ރޭއަޅުކަން ނުކުރެވޭ މީހުންނަށް އެންމެ ފައިދާކުރާނެ ގޮތް!

ރަމަޟާން މަހު ގިނަ ބައަކު ތަރާވީޙް ނަމާދުކުރެއެވެ. ނަމަވެސް ރަމަޟާން މަސް ނިމިގެންދާއިރުވެސް ފަހުދަންފަޅީގައި ހޭލައިގެން ރޭއަޅުކަންކޮށްނުލެވޭ ގިނަބައަކު ތިބެއެވެ. ބައެއް މީހުންނަށް އޮންނަނީ ހާރުކާންވެސް ނުހޭލެވިފައެވެ. އެހެން އެވަނީ ކުރިއާލައި އެކަމަށް ތައްޔާރުވެވިފައި ނެތުމުންނެވެ.

ރޭގަނޑުގެ ފަހުދަންފަޅީގައި މިއަހަރު ނުހޭލެވުނު މީހުންނަށް އޮތީ އަންނަ އަހަރަށް ތައްޔާރުވާން މިހާރުން ފެށިގެން މަސައްކަތް ފެށުމެވެ. ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ! އިން ޝާ ﷲ

ދަމުނަމާދުނުކުރަނީ ރޭގަނޑުގެ ފަހު ދަންފަޅިގައި ދަމުނަމާދުކުރަން ހޭނުލެވޭތީކަމަށް ބުނެ އެކަން ޢުޛްރަކަށް ނުހަދާށެވެ! ދަމުނަމާދަކީ ހަމައެކަނި ޜޭގަނޑުގެ ފަހުދަންފަޅިގައި ކުރެވެން އޮތް ނަމާދެއް ނޫނެވެ. ޢިޝާ ނަމާދަށްފަހު ކޮންމެ ވަގުތަކުވެސް ކުރެވެން އޮތް ނަމާދެކެވެ.

އެއްވެސް ޝައްކެއް ނެތެވެ. ދަމުނަމާދުކުރަން އެންމެ ރަނގަޅުވަގުތަކީ ރޭގަނޑުގެ ފަހުދަންފަޅިއެވެ. ނަމަވެސް އެވަގުތުގައި ނުހޭލެވޭމީހާއަށް ޢިޝާ ނަމާދުކުރުމަށްފަހު ފަޖުރުލުމާއި ދެމެދު ކޮންމެ ވަގުތަކުވެސް ދަމުނަމާދުކުރެވިދާނެއެވެ.

ވިތުރި ކުރުމަކީވެސް ރޭއަޅުކަމެކެވެ. ވިތުރުނުކޮށް ނުނިދުމަށް ރަސޫލް ﷺ ވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ. ނަަމވެސް އެއިގެ މާނައަކީ ދަމުނަމާދުނުކޮށް ނުނިދުމެއް ނޫނެވެ. ދަމުނަމާދު މިކިޔަނީ ތަހައްޖުދު ނަމާދަށެވެ. ތަހައްޖުދު ނަމާދުގެ މާނައަކީ ނިދުމަސްފަހު ހޭލައިގެން ކުރާ ނަމާދެވެ.

ރޭގަނޑުގެ ފަހުދަންފަޅިއަކީ ﷲ ތަޢާލާ އެންމެ ތިރީ އުޑަށް ކުއްތަންވެވޮޑިގެން އެކަލާނގެ ޙަޟްރަތުން ކަމަކަށް ބޭނުންވަނީ ކާކުތޯ ސުވާލުކުރައްވަވާ ވަގުތެވެ. ވީމާ އެވަގުތު ނަމާދުކޮށް ޛިކުރުކޮށް ޤުރްއާން ކިޔަވައި ދުޢާކުރުމުގެ މަތިވެރިކަން އިތުރުވެގެންދެއެވެ.

ރޭގަނޑުގެ ނިދިދޫކޮށްލައި (ނިދީން ހޭލައި) ﷲ ތަޢާލާއަށް އަޅުކަންކުރުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އަދި އެފަދަ މީހުންނާއިމެދު ފަޚުރުވެރިވޮޑިގަންނަވައެވެ. ނިދުމަށްފަހު ދަމުނަމާދަށް ނުހޭލެވިދާނެކަމުގެ ބިރު އޮންނަ މީހުން ނިދުމުގެކުރިން ނަމަވެސް ދަމުނަމާދުކުރަން ފަށައިފިނަމަ ނިދީން ހޭލައިގެން ކުރަން ފަސޭހަވާ ހަމައަށް، އެކަމަށް ހިތްޖެހޭ މިންވަރަށް އެމީހާގެ ތަޤްވާވެރިކަން އިތުރުވެގެންދެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން ދަމުނަމާދުގެ ވަގުތު: "ދަމުނަމާދު ކުރުމުގައި ތިމާގެ ޢިޝާނަމާދު ކުރުމަށްފަހު ރޭގަނޑުން ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެއެވެ. އެއީ ރޭގަނޑުގެ ފުރަތަމަ ދަމު ކަމުގައި ވިއަސް ނުވަތަ މެދުދަމު ކަމުގައި ވިއަސް ނުވަތަ ފަހު ދަމު ކަމުގައި ވިއަސް އެވެ. މިއިން ކޮންމެ ވަގުތެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަމުނަމާދު ކުރައްވާފައިވެއެވެ. މީގެ ތެރެއިން މޮޅުއިތުރު ވެގެންވަނީ ފަހުދަމާ ހަމައަށް ލަސްކުރުން ކަމުގައި ޢިލްމުވެރިން ވިދާޅުވަފައި ވެއެވެ. އެއީ އިމާމު އަޙްމަދު ރިވާކުރައްވާ މިރިވާޔަތުގައި ވާފަދައިންނެވެ. އޭގައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ދަމުނަމާދުކުރުން މޮޅީ ކޮންވަގުތަކުތޯ އަބޫޛަރް އަލްޣިފާރީ ދެންނެވުމުން އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. " ރޭގަނޑުގެ ފަހު ދަންބައެވެ. މިކަންކުރެވެނީ މަދުބަޔަކަށެވެ." ދަމުނަމާދު ކުރުމުގައި މޮޅުގޮތަކީ ނިދާފައި ތެދުވެ ނަމާދުކުރުމެވެ. އެއީ ޤުރުއާނުގައި އެއަށް އެނަމާދަށް ތަހައްޖުދުގެ ނަމުން ނަންދީފައިވާތީއެވެ. އަދި ތަހައްޖުދު ކިޔަނީ ނިދީންހޭލުމަށް ފަހު ކުރެވޭ ނަމާދުކަމުގައި ވީތީއެވެ." والله أعلم

މިއަދު އޮންލައިން