ޚުޠުބާ: މި ދުވަސްތަކާއި ރޭތައް އިޙްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 46ސ
ޚުޠުބާ: މި ދުވަސްތަކާއި ރޭތައް އިޙްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާކަމެއް!

ކިޔަމަންތެރިވެ މާތް اللهއަށް تقوىވެރިވާށެވެ! ހެޔޮ ޢަމަލާ އެކު މި މާތް މައްސަރު ނިންމައިލެވޭތޯ ބަލާށެވެ! އަމިއްލަ ނަފުސަށް ކުރެވޭ ޢަހުދުތަކަށް ރައްކާތެރިވާށެވެ! އިސްތިޣުފާރުކުރުން ގިނަކުރާށެވެ! އެ ކަމަކީ ރޯދައަށް ހުންނަ އިރު، އެ މީހަކަށް ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ! މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اِتَّقِ اللَّهَ حَيْثُمَا كُنْتَ، وَأَتْبِعِ السَّيِّئَةَ الْـحَسَنَةَ تَـمْحُهَا)[1] މާނައީ: "ތިބާ ވީ ކޮންމެ ތަނެއްގައި، ތިބާ اللهއަށް ބިރުވެތިވާށެވެ! އަދި ނުބައިކަމެއް ކުރެވިއްޖެ ނަމަ، އެއާ ވިދިގެން ހެޔޮ ކަމެއް ތިބާ ކުރާށެވެ! އެ ހެޔޮ ކަމަކީ އެ ނުބައި ކަން ފިލުވައިލަނިވި ކަމެކެވެ."  މާތް اللهގެ ޙަޟްރަތަށް ކުއްތަންވެ އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކުރާށެވެ! އެ ކަލާނގެ ރަޙްމަތްފުޅުން ދެއްވައިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާށެވެ! އިސްލާމްކަން މަތީ، ހެޔޮ ޙާލުގައި ތިބެ ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިޢުމަތެއް ނޫނެވެ! އެ ކަލާނގެ فَضْلُ ވަންތަކަމުން ރޯދަހިފައިފީމުއެވެ. ނަމާދު ޤާއިމުކޮށްފީމުއެވެ. ކީރިތި ޤުރްއާން ކިޔަވައިފީމުއެވެ. ޞަދަޤާތް ދީފީމުއެވެ. ރޭ އަޅުކަން ކޮށްފީމުއެވެ. އިންސާނާގެ ޢަމަލުތަކުގެ ވާހަކަ ފަތްފުށްތަކުގައި މަލާއިކަތުން ލިޔުއްވާނެކަން ދަންނާށެވެ! އެހެންކަމުން ހެޔޮ ޢަމަލެއް މެނުވީ ނުކުރާށެވެ! 

އަޅަމެންގެ ޢުމުރު މިހައި ތަނަށް އިތުރުކޮށްދެއްވީތީއެވެ! މި މަހާ ހިސާބަށް ފޯރުކޮށްދެއްވީތީއެވެ! މިހާރު އަހަރެމެން މި ތިބީ މި މަހުގެ ފަހު ދިހައިގެ ތެރޭގައެވެ. ވީމާ އަހަރެމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައިތޯ މާތް اللهގެ ޙަޟްރަތުގައި ދުޢާދަންނަވާށެވެ! މިއީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. މި ދުވަސްތަކާއި ރޭތައް އިޙްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާކަމެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގައި ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާ އިރު، އެ ކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَا ވިދާޅުވެފައި ވެއެވެ. (كَانَ رَسُوْلُ اللهِ z يُـجَـاوِرُ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ، وَيَقُوْلُ: تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ.)"[2]  މާނައީ: "ރަމަޟާން މަހުގެ ފަހު ދިހައިގައި ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ އިޢުތިކާފުކުރައްވައެވެ. އަދި އެ ކަލޭގެފާނު ޙަދީޘްކުރައްވައެވެ. ތިޔަބައިމީހުން ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދުރި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާހުށިކަމެވެ." 

ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްޤަދުރި އެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައި ވެއެވެ. މި މަތިވެރި ރެއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާޞިލުކުރެވިދާނެ ރެއެވެ. އެ ރޭގެ މަތިވެރިކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ليلة القدرވިލޭރޭ، އެއްހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑެވެ." މި ބަސްފުޅުން އެނގޭ ގޮތުގައި އެ ރޭ، ކުރާ ހެޔޮ ކަމުގެ ދަރުމަ ދެއްވަނީ އެއް ހާސް މައްސަރުގައި ކުރާ ހެޔޮ ކަމާ އެއްވަރުގެ ހެޔޮ ކަމެއްނޫނެވެ. އަދި ކިއެއްތަ! އެއް ހާސް މައްސަރުގައި ކުރެވޭ ހެޔޮ ކަމަށްވުރެ ވެސް އިތުރުކޮށެވެ. އެހެންވީމާ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!

ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު ޢުމުރު ދެއްވިއެވެ. މި އުންމަތުގެ މީހުންގެ ޢުމުރު ކުރުކަމުގައި ވިއަސް މި ކުރު ޢުމުރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައި ވެއެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނެއެވެ.  

އެ ރޭގެ މާތްކަމާއި ބަރަކާތްތެރިކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ." އެ ރެއަކީ ލައިލަތުލްޤަދްރި ވިލޭރެއެވެ.  

އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، އެ ރޭ، އަޅުކަންކުރި މީހުންނަށް، ފާފަފުއްސަވައިދެއްވާނެތެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ لَيْلَةَ الْقَدْرِ إِيْـمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[3]. މާނައީ: "ފުރިހަމަ އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލު، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ." 

އެ ރޭ ކުރައްވާނީ ކޮން ދުޢާއެއްތޯ  މާތް ނަބިއްޔާ z އަރިހުގައި أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللَّهُ عَنْهَا ސުވާލު ދެންނެވިއެވެ. އެ ހިނދު އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ކަމަނާ މިހެން ވިދާޅުވާށެވެ! (اَللّٰهُمَّ إِنَّكَ عَفُوٌّ تُـحِبُّ الْعَفْوَ فَاعْفُ عَنِّي)[4] މާނައީ: "އަޅުގެވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ޢަފޫކުރައްވާ، ފާފަފުއްސަވާ، އަދި ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއީމުއެވެ. ފަހެ، މި އަޅާއަށް ޢަފޫކުރައްވައި މި އަޅާގެ ފާފަ ފުއްސަވާނދޭވެ!" މި މާތް ދުޢާ، މި މަހުގެ ބާކީ އޮތް ދުވަސްތަކާއި ރޭތަކުގައި ތަކުރާރުކުރާށެވެ! އަދި މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބޭށެވެ!

ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ. أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވެފައިވެއެވެ. "ރަސޫލު الله z ދުނިޔެ ދޫކުރެއްވުމާ ހަމައަށް ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ."[5] 

އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތް اللهއަށް އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރާންވާނެއެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ޙުރުމަތަށް އިސްކަންދޭންވާނެއެވެ. މިސްކިތުގެ ޙުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަނެވެ. އެއީ މާތް اللهގެ ގެކޮޅުތަކެވެ. ވީމާ އެ ކަން އަބަދުވެސް ހަނދާންކުރާންވާނެއެވެ! 

މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރާން އަމުރުކުރައްވައިފައިވާ އަޅުކަމެއް ވެއެވެ. އެއީ فِطْرُ زَكَاةއެވެ. ފިޠުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭކަމެކެވެ. اِبْنُ عَبَّاس رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِيْنِ [6]( މާނައީ: "ރޯދައަށް ހުރެ ދެއްކޭ ބާޠިލު ވާހަކަތަކާއި ކުރެވޭ ނުރަނގަޅު ކަންކަމުން، ރޯދަވެރީންނަށް ޠާހިރުކަމެއްގެ ގޮތުގައްޔާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޠުރުޒަކާތް ފަރުޟުކުރެއްވެވިއެވެ." އެހެންކަމުން ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމަށް އަވަސް ވާށެވެ! ޢީދުވިލޭރެއާ ޢީދު ދުވަހު ކެއިންބުއިމަށް ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތީން މި ޒަކާތް ނެރުން ވާޖިބެވެ. ފިޠުރު ޒަކާތް ނެރޭނީ ޢީދު ނަމާދުކުރުމުގެ ކުރީންނެވެ. ވީމާ، މި ކަމަށް ސަމާލުކަން ދީ ފިޠުރު ޒަކާތް ނެރުމަށް އަވަސްވާށެވެ! 

މިއަދު އޮންލައިން