މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ރާއްޖޭގެ 36 ރަށެއް ކުލަ ބޮކިތަކާއި ގިޑިގެތަކުން ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަސައްކަތް ކުރިއަށްދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އަދި ސިޓީ އަދި ރަށު ކައުންސިލްތަކާ ގުޅިގެންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވި ގޮތުގައި، މިދިޔަ ޢީދުގައި ދިއްލާލި ރަށްތަކުގެ އިތުރުން މިފަހަރު ކޮންމެ އަތޮޅަކުން ދެ ރަށެއް ދިއްލާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޢީދާ ދިމާކޮށް ބޮކި ދިއްލުމަށް ކައުންސިލްތަކުން އެދޭ މިންވަރު އިތުރުވަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ބޮކި ދިއްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ވާނީ ފަށާފައި. 36 ރަށަކަށް ފޮނުވަންޖެހޭ ޢީދު ލައިޓްތައް ޕެކްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. ލައިޓްތައް ފޮނުވޭނީ މި މަހުގެ 24 ވަނަ ދުވަހު،" ވަޒީރު ވިދާޅުވިއެވެ.
މާލޭގައި ކުލަ ބޮކިތަކާއި ގިޑިގެތަކުން ޒީނަތްތެރިކޮށް ދިއްލާލުމުގެ އާދަކާދަ ފުރަތަމަ ފެށިފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުގައެވެ. މިއީ ރަމަޟާން މަހާއި ޢީދު ދުވަސްތަކުގައި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.