ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ގިނަވަނީއެވެ. އެކަންކަން ޙާޞިލުވާވަރަކަށް އިތުރަށް ބޭނުންވެވެނީއެވެ. ހިތްފުރޭނެ ގޮތެއް ނުވެއެވެ. އެހެންވެ އެންމެ ކުޑަމިނުން އޮންނަނީ ފަރުޟު ނަމާދުތަކަށްވެސް ރައްކައުތެރި ނުވެވިފައެވެ.
މިއީ މަދު ބައެއްގެ ޙާލަތު ކަމަށް ބުނެވޭކަށް ނެތެވެ. ބުނެވެން އޮތީ މިއީ ގިނަ ބައެއްގެ ޙާލަތު ކަމަށެވެ. ވީމާ ވިސްނައި އަޑުއަހާށެވެ!
މިއަދު ވަރަށް މަދު މީހަކު ފިޔަވައި އެންމެންހެން މިއުޅެނީ ތަނަވަސްކަން އިތުރުނުކުރެވިގެންނެވެ. މިލިއަނަރަކަށް ނުވެވިގެންނެވެ. ބޮޑެތި އުސްފަރަބަދަތަކަށްވުރެވެސް އުސް ސުވަރުގެއެއް ފަދަ ގެއެއް ނޭޅިގެންނެވެ. އެހެންކަމުން މިކިޔައިދޭ ވާހަކައަށް ރަނގަޅަށް ވިސްނައިލާށެވެ!
އޭނާގެ އުމުރަކީ 42 އަހަރެވެ. މިއަހަރަކީ އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އައި އުންމީދުތައް ޙަޤީޤަތަކަށް ހެދުނު އަހަރެވެ. ރެއާއި ދުވާލު އަވަދިނެތި ކުރި މަސައްކަތް ކާމިޔާބުކުރެވުނު އަހަރެވެ.
އާދައިގެ ގޮތަކަށް ކުރަން ފެށި ވިޔަފާރި ފުޅައުވެ މިލިއަނަރުންގެ ލިސްޓަށް ނަން އެރީ މިއަހަރުއެވެ. ކުއްޔަށް ހިފައިގެން އުޅުނު ހުރިހާ ބިންތައް ގަނެ މިލްކުކުރެވުނީ މިއަހަރުއެވެ. 10 ބުރީގެ އަމިއްލަ އޮފީސް ޢިމާރާތެއް އަޅައި އެތަނުން އެއްފަންގިފިލާ އޭނާއަށް ޚާއްޞަކޮށް، ދުނިޔޭގެ ފެންވަރަށް ތަނަވަސްކޮށް އެންމެ އަގުބޮޑު ގޮނޑި ބަހައްޓައި ގޮނޑީގައި އިށީނދެ ވިޔަފާރިކުރަންފެށީ މިއަހަރުއެވެ.
ފުރިހަމަ އައު އޮފީހަށް ބަދަލުވެ ބޮޑުގޮނޑީގައި އިންނަންފެށިތާ 15 ވަނަ ދުވަހު ހަމަ އެގޮނޑީގައި އިންދާ ސެކިޔުރިޓީންނަށް ނުވެސް އެނގި ދޮރުގައި ޓަކިވެސް ޖަހާނުލައި އެއްވެސް ހުއްދައެއްވެސް ނުހޯދައި ވަދެ އެ ބައްދަލުކުރެއްވީ މަރުގެ މަލާއިކަތާއެވެ! ލޮލަށް ފެނުނުތާ ފަޅިސިކުންތެއްގެ ތެރޭގައި ފުރާނަހިއްޕަވައިގެން ވަޑައިގެންފއެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް އެފުރާނަ ޙާޒިރުކުރެވުނުއިރު ބޭނުން ހިފޭނެ އެންމެ ޢަމަލެއްވެސް ނުގެންދެވުނެވެ. އެންމެ ކުޑަމިނުން ނަމާދުތައްވެސް ވަނީ ނުކުރެވިއެވެ. ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުން ޞަދަޤާތެއްވެސް ވަނީ ނުކުރެވިއެވެ. އެހެންކަމުން ﷲ ތަޢަލާގެ ޙަޟްރަތަށް ހާޒިރުވާންޖެހުނީ ހަމައެކަނި ހުސްއަތާއެއްވެސް ނޫނެވެ. ބޮޑެތި ބޮޑެތި ދަރަނިތައްވެސް ކޮނޑުގައި ޖަހައިގެންނެވެ. އަދާ ނުކުރެވި ހުރި ފަރުޟުތައް ގިނަކަމުންނެވެ.
ދެން މިޙާލަތުގައި ނިކަން ބުނެބަލާށެވެ! ދެން ކަންކަން ވާނީ ކިހިނަކުންހެއްޔެވެ؟ މުޅި އުމުރުގައި ކުރި ބުރަމަސައްކަތުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ ފައިދާއެއް ނުކުރިތަނުގައި ގަދަފަދަ ޢަޛާބުން ސަލާމަތްކަން ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟
ދުނިޔޭގައި ހޭދަކުރާ މަދު ދުވަސްކޮޅުގެ، ޚާއްޞަކޮށް ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފަންވީ މިފަދަ ގޮތްތައް މެދުވެރިވެދާނެކަމަށްޓަކައެވެ. ބޮޑުސިންގާ ދަރަނިވެރިއެއްގެ ގޮތުގައި ދުނިޔެއިން ނުކުންނަން ޖެހިދާނެ ކަމަށްޓަކައެވެ. ޔަޤީންކުރަންވީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރެވިވާނަމަ، ނަމާދަށް ދަރާފައިވާނަމަ އެއްވެސް ސަލާމަތްކަމެއް ނެތްކަމެވެ.
އެކަން ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުން ފެންނަން އޮތްއިރު ވެސް ބިރުވެތިނުވެ ދުނިޔެ ލިބިގަންނަން މަސައްކަތްކުރުމަކީ އެމީހަކު އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ނިކަމެތިކަން ކަމުގައި ނޫނީ ނުވާނެކަމުގެ ބިރު ހާދަ ބޮޑެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން