ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފެށިގެން ކުރިއަށް މިދަނީ މުޅި އަހަރުތެރޭގައި ބައްދަލުކުރާނެ އެންމެ ބަރަކާތްތެރި ރޭތަކެވެ. މިރޭތަކުގައި އަޅުކަންކުރަން ކަންނެތްވާން ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. އޮތީ އަޅުކަން ކުރުމުގައި ހީވާގިވެލުމެވެ.
ވިސްނަން އޮތް އެންމެ މުހިންމު އެއްކަމަކީ މިރޭތަކުގައި ތިމާއެކަނި އަޅުކަންކުރުމަކުން ނުފުދޭނެކަމެވެ. އަނބިދަރިން ލައްވައިވެސް އަޅުަކްނކުރުވަންޖެހޭނެ ކަމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވީ އެގޮތަށް ކަމަށްވާތީއެވެ.
އަޅުކަންކުރެއްވެވުމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ބޮޑަށް ސަމާލުކަން ދެއްވަވައި ހީވާގިވަޑައިގެންނެވި ރޭތަކުގައި ކަންނެތްވެ ފަރުވާކުޑަކޮށްލައިފި މީހަކަށް އެލިބިގަނެވެނީ ކޮންފަދަ ބޮޑު ދެރައެއް ހެއްޔެވެ؟
ދަމުނަމާދުކުރަނީ ރޭގަނޑުގެ ފަހުދަންފަޅީގައިކަމަށްވުމުން ދަރިން ހޭލައްވައިގެން ދަމުނަމާދަށް ނުގެންދެވުނުނަމަވެސް އިރާކޮޅު ކުރާ ތަރާވީޙް ނަމާދު ދަރިން ލައްވައިވެސް ކުރުވާށެވެ! އަދި ހާރުކާންދީފައި ނިންދެވުމުގެ ބަދަލުގައި ފަޖުރުލުމާއި ގާތްކޮށް ކުދިން ހޭލައްވައި ކުދިންނަށް ހާރުކާންދޭށެވެ! ހާރުކައި ނިމިގެންނަމަވެސް ދަރިންލައްވައިވެސް ދުޢާކުރުވާށެވެ! އަދި ޢާއިލާ އެކުގައި ތިބެގެންވެސް ދުޢާކުރާށެވެ! ޤުރްއާނުން މިންވަރެއް ކިޔަވާށެވެ!
އަދި ފަތިސްނަމާދުކުރުވާށެވެ! ފަތިސްނަމާދަށްފަހު ކުދިން ނިދަން ބޭނުންވާނަމަ ނިދަން ފުރުޞަތުދޭށެވެ!
މިކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ އެކުދިން ބޮޑެތިވުމުން އެކުދިން އަމިއްލައަށްވެސް މިމަގުން ކަންކަން ކުރާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން