ކައިވެނީގެ މާނަ ކޮންމެ ގޮތަކަށް ކުރިނަމަވެސް ކައިވެނީގެ ޙަޤީޤީ މަޤްޞަދަކަށްވާންޖެހޭނީ 2 މީހުން ޢުމުރަށް އެކުގައި އުޅުމެވެ. އެކުގައި އުޅުމުގެ މާނައަކީ ދެމީހުން ހަނގުރާމަކުރުންމަތީގައި ތިބުމެއް ނޫނެވެ. ޞުލްޙަވެރިކަމާއިއެކު ލޯބިން ދެމީހުން އެކުގައި އުޅުމެވެ.
ކައިވެނިކުރާ ޢުމުރަށް އެޅި، ކައިވެނިކުރަން ބޭނުންވެ އެކަމަކުވެސް ކައިވެނި ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ ގިނަ ބައަކު ވަރަށް ދެރަވެއެވެ. ކަންބޮޑުވެގެން އުޅެއެވެ. މާޔޫސްވެސް ވެއެވެ. ނުބައި މަގުތަކުންވެސް ދެވެއެވެ.
އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ. ހެޔޮ ވިސްނުމުން ވިސްނާށެވެ. ޢުމުރުން 40 ވަނަ އަހަރު ކައިވެނިކުރި އަންހެނަކު އޭނާގެ އިޙްޞާޞްތައް ކިޔައިދެމުން ބުންޏެވެ.
"އަހުރެން މިކުރީ ވަރަށް ދިގު އިންތިޒާރެކެވެ. އެއީ ވަރަށް ވޭން އަޅަންޖެހުނު އިންތިޒާރެކެވެ. ނަމަވެސް ކެތްތެރިވެލައިގެން ، ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި އިނުމުން ލިބުނު އުފާވެރިކަން ވަރަށް ބޮޑެވެ.
ލިބުނީ ވަރަށް ހެޔޮލަފާ ފިރިއެކެވެ. އެހެންވެ ކުރަންޖެހުނު ދިގު އިންތިޒާރުގެ ހަނދާންތައް މިހާރު ނެތިއްޖެއެވެ. އަދި އަވަހަށް ކައިވެނި ކުރެވުނު އެކުވެރިންނަށް އުޅެންޖެހުނު ޙާލާއި ބައެއް އެކުވެރިންގެ ކައިވެނި ރޫޅިފައިވެސްވުމުން އަވަހަށް ކައިވެނިކުރެވުމަކީ ލިބޭ ބޮޑުކާމިޔާބީއެއް ނޫންކަންވެސް މިހާރު ޤަބޫލުކުރެވެއެވެ."
އޭނާގެ ވާހަކަކޮޅުގައި އެވަނީ ވަރަށް ތެދު ޙަޤީޤަތެކެވެ. އެއީ އެކަން ހިނގަމުން އަންނަވެސް ގޮތެވެ. ވީމާ ބަލަންވީ ތެޅިގަނެގެން ވީހާއަވަހަކަށް ކައިވެނިކުރެވޭތޯއެއް ނޫނެވެ. ހެޔޮލަފާ ތަޤްވާވެރިއަކާއި ކައިވެނިކުރެވޭތޯއެވެ. އެފަދަ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމުންގެންދާށެވެ. އުންމީދު ކަނޑާނުލާ އަޅުންނަށް އެމީހަކަށް އެންމެ ފައިދާކުރާނެ ވަޤުތުގައި ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން