ތިބާ ދުޢާކުރަމުން އައީ ކުޑަކުޑަކަމަކަށް އެދިގެންނެވެ. ނަމަވެސް ދެއްވެވީ މާބޮޑު ނިޢުމަތެކެވެ. އެފަދަ ބޮޑު ރަޙްމަތެއް ލެއްވެވުމުން އެކަން ބަލައިގަންނަން އެނގޭހެއްޔެވެ؟
އެކަން ފާހަގަކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.
"ﷲ ތަޢާލާ ގެ ދީލަތިވަންތަކަމުން ތިބާ އުންމީދުވެސް ނުކުރާ ކިތައް އުފާ ޙާޞިލުކުރެވޭ ހެއްޔެވެ؟ ހުވަފެނުންވެސް ނުދެކޭ ކިތައް ކަންތައް ހިންމަވައިދެއްވަވާހެއްޔެވެ؟ އެވަރުންވެސް އެންމެ ކުޑަމިނުން ފަރުޟުވެސް ފުރިހަމައަށް އަދާކުރެވޭ ހެއްޔެވެ؟ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުރައްވަވައި ދެއްވަވަނީ އިމެއް ނެތިއެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނަންވީ ހަމައެކަނި ޙާޞިލު ނުކުރެވި ހުންނަ ކަންކަމަކަށް ނޫނެވެ. ދެއްވަވާ ނިޢްމަތްތަކާއިމެދުގައިވެސް ވިސްނާށެވެ. ފިކުރުކުރާށެވެ. ޝުކުރުވެރިވާށެވެ. ނިޢްމަތްތައް ދެއްވެވުމުން ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުންނަން ކުރާ މަސައްކަތްތައް އިތުރުކުރުމެވެ. ކިޔަމަންތެރިކަން އިތުރުކުރުމެވެ.
ﷲ ތަޢާލާއީ މީސްތަކުންނަށް ދީލަތިވަންތަވެވޮޑިގެންވާ އިލާހެވެ. އިމެއް ނެތި ނިޢްމަތްތައް ދެއްވަވަތެވެ. އެހެންކަމުން ދުވަހަކުވެސް އުންމީދުނުކޮށް ހުންނަ އެތައް ކަމެއް ޙާޞިލުކުރެވެއެވެ. ޙާޞިލް ކުރެވެނީ އެކަންކަން ނުވެސް އެދި ހުއްޓައި ﷲ ތަޢާލާ މިންވަރު ކުރައްވަވާތީއެވެ.
ޝުކުރުވެރިވާ އަޅުންނަށް ދެދުނިޔޭގައިވެސް އޮތީ ހަމަ އުފާވެރިކަމެވެ. އިން ޝާ ﷲ ހަމަ އެފަދައިން ތިބާ އެދިގެން ދުޢާކުރަމުން އައި ކަންތަކަށްވުރެ މާބޮޑެތި ނިޢުމަތްތައް ދެއްވެވުމުން އެކަން ބަލައިގަންނަން ނުއެނގޭ މީހަކަށް އެނިޢުމަތުގަ ދެމިހުރެވޭނެ ކަމަށް ހީނުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން