ޘަވާބު ހޯދަން ކުރަންހުރި ހެޔޮ ޢަމަލުތަކަކީ މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ކުރަންހުރި ކަންކަމެއް ނޫނެވެ. ތަނަވަސްކަން ހުރުމުން އެކަނި ކުރެވޭނެ ކަންކަމެއްވެސް ނޫނެވެ. ދުނިޔޭގައިވާ އެންމެ ނިކަމެތި މީހުންނަށްވެސް ގިނަގިނައިން ޘަވާބު ހޯދޭނެ އެތައް ކަމެއް އެބަހުއްޓެވެ.
މީހަކަށް ކަމެއްކޮށްދޭ ވާހަކަ ބުނާއިރަށް ގިނަ ބައަކަށް މާނަކުރެވެނީ އެދައްކަނީ ފައިސާ ދިނުމުގެ ވާހަކަކަމަށެވެ. އެހެން ހީކޮށް އަތުގައި ފައިސާ ނެތްނަމަ ދެން ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާ މީހުންވެސް އުޅެއެވެ.
ތިބާއަށް ދުނިޔޭގެ އެންމެންނަށް ކީއްކުރަން ހެއްޔެވެ؟ ހަމަ އެކަކަށްވެސް މާލީ އެހީތެރިކަން ފޯރުކޮށް ނުދެވިދާނެއެވެ. ނަމަވެސް ކޮށްދެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ!
ކޮށްދެވޭނެ ކަންކަން:
1 ބައްދަލުވާ އެންމެންނަށް ހިނިތުންވެވިދާނެއެވެ.
2 އިޙްތިރާމާއިއެކު މުޢާމަލާތުކުރެވިދާނެއެވެ.
3 ރިވެތި އަޚްލާޤެއް ދެއްކިދާނެއެވެ.
4 ބައްދަލުވާ އެންމެންނަށް ރަހްމްކޮށް އޯގާތެރިވެވިދާނެއެވެ.
5 މަރުވެފައިވާ އެންމެންނަށާއި ދުނިޔޭގައި ތިބި އެންމެންނަށާއި އުފަންވާންތިބި މީހުންނަށްވެސް ހެޔޮ ދުޢާކުރެވިދާނެއެވެ.
6 އެއްވެސް މީހަކަށް ޙަސަދަނުލައި އެންމެންނަށްވެސް ހެޔޮއެދޭ މީހަކަށް ވެވިދާނެއެވެ.
އެންމެ ގިނަ ބައަކު ސުވަރުގެ ވަންނާނެ އަދި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވާނެ އެއް ކަމަކީ ރިވެތި އަޚްލާޤެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެންމެ ބޮޑަށް ލިބިގެންދާނެ ކަމަކީ މީސްތަކުންނަށް މީސްތަކުންނަށް އެހީތެރިވުމުގައި ދެމިހުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން