އެކަންކަމަށް ރައްކައުތެރިވެ ހުރެވިއްޖެނަމަ ޝައިޠޯނާއަށް ތިބާ ޢާއި ކައިރިވެސް ނުވެވޭނެ 2 ކަމެއްވެއެވެ. މީސްތަކުންގެ ހަލާކު ގުޅިފައިވަނީ މި ދެ ކަންތަކާއިއެވެ. އިންސާނުންނަށް ލިބޭ ހުރިހާ ނިކަމެތިކަމެއް ލިބިގެންދަނީވެސް ހަމަ އެ ދެ ކަންތަކުގެ ސަބަބުންނެވެ.
އެއީ ޙަސަދަވެރިކަމާއި ދަހިވެތިކަމެވެ.
ޝައިޠޯނާ ނޫހުގެފާނަށް ދެންނެވިކަމަށްވެއެވެ. "މީސްތަކުން މަގުފުރައްދަން އަހަރެން ބޭނުންކުރާ ދެކަމަކީ އެމީހުންގެ ހިތުގައި ދަހިވެތިކަމާއި ހަސަދަވެރިކަން އުފެއްދުމެވެ."
މި ވާހަކައާއިމެދު ކޮންމެ ގޮތަކަށް ވިސްނި ނަމަވެސް އަދި ކޮންމެ ގޮތަކަށް ޤަބޫލުކުރި ނަމަވެސް މިއީ ހަމަ ކަންތައް އޮތްގޮތެވެ. ޝައިޠޯނާ މިމޭރުމުން ބުނިއިރު އޭތި ހަލާކުވެގެންދިއައީ ހަސަދަވެރިކަމުންނެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ އާދަމްގެފާނަށް ސަޖިދަ ނުކުރީ އޭތީގެ ހިތުގައި އާދަމަގެފާނާއިމެދު އުފެދުނު ހަސަދަވެރިކަންބޮޑުކަމުންނެވެ. ހަމަ އެއާއިއެކު އާދަމްގެފާނަށް އެބޮޑުފާފަކުރެއްވެވި ސުވަރުގެއިން ބިމަށް ފައިބާވަޑައިގަންވަންޖެހިވަޑައިގަތް ފާފަ ކުރެއްވެވުނީ ޝައިޠޯނާ ދިން ވަސްވާސްތަކުން ހިތްޕުޅުގައި އުފެދުނު ދަހިވެތިކަމުންނެވެ.
ހަސަދަވެރިކަމާއި އެއްވެސް މިންވަރަކަށް ގާތް ނުވުމަށް ރަސޫލް ﷺ އެވަރަށް ބާރުއަޅުއްވަވާފައިއެވަނީ އެސަބަބަށްޓަކައެވެ. އަލިފާން ދަރު އަންދާފަދައިން އެމީހާކުރާ ހެޔޮ ޢަމަލުތައް ހަސަދަވެރިކަން އަނދައިލާކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން އެނގިގެންދެއެވެ.
ހަމައެއާއިއެކު ދަހިވެތިކަން ބޮޑުވުމަކީ މީހާގެ އެންމެ ބޮޑު ހަލާކެވެ. ދަހިވެތިކަން ބޮޑުވެއްޖެނަމަ ނުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. މީހުން ކީއްކުރަންހެއްޔެވެ؟ އަމިއްލަ މައިންބަފައިންނާއި އަނބިދަރިންވެސް އެބަ މަރައެވެ. ކިތަންމެ ބޮޑު ވައްކަމެއްވެސްކޮށްފާނެއެވެ. ބޮޑުވެގެން ނުކުރެވޭނެ ފާފައެއް ނުއޮންނާނެއެވެ.
ފާހިޝް ޢަމަލުތައް ކުރެވެނީވެސް ހިތުގައި އުފެދޭ ދަހިވެތިކަމުންނެވެ. އަޅުކަންކުރުމާއި ދުރުހެލިވެވެނީވެސް ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެވުމުންނެވެ. މިހެންގޮސް ކުރެވޭ ކޮންމެ ނުބައި ޢަމަލެއް ވެސް ހަސަދަވެރިކަމާއި ދަހިވެތިކަމާއި ނުގުޅިއެއް ނުހުންނާނެއެވެ!
ވީމާ ޙަސަދަވެރިކަމާއި ދަހިވެތިކަމާއި ދުރުހެލިވާށެވެ. އެއިރުން ޝައިޠޯނާއަށް ތިބާ އާއި ކައިރިވެސް ނުވެވޭނެއެވެ. ތިބާ ލައްވައި އެއްވެސް ފާފައެއް ނުކުރުވޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން