ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެއަރބަސް އޭ320 އެއަރކްރާފްޓުން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަލުން ފަށާ ގޮތަށް ވަނީ ނިންމާފައެވެ.
މޯލްޑިވިއަނުން މިކަމާ ގުޅޭ ގޮތުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވާ ގޮތުން، މާލެއާއި އައްޑޫ ސިޓީ ގަމާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
އެއަރބަސް އޭ320 އެއަރކްރާފްޓުން ކުރިންވެސް ވަނީ އައްޑޫ ސިޓީ ގަމަށް ދަތުރުތައް ކޮށްފައެވެ. ނަމަވެސް ޝެޑިއުލްޑް މެއިންޓެނެންސްގެ މަސައްކަތްތަކާ ގުޅިގެން މި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، އަންނަ މަހު އަލުން ފެށުމަށް ވަނީ ނިންމާފައެވެ. މިހާރުވެސް މޯލްޑިވިއަން އިން މާލެއާއި ގަމާ ދެމެދު ދުވާލަކު ތިން ދަތުރު ކުރިއަށް ގެންދެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު ޖުމްލަ 25 އެއަރކްރާފްޓް ހިމެނެއެވެ. މީގެ ތެރޭގައި އޭޓީއާރު72ގެ 2 އެއަރކްރާފްޓާއި، އޭޓީއާރު42ގެ އެއް އެއަރކްރާފްޓާއި، ޑޭޝް8-300ގެ 7 އެއަރކްރާފްޓާއި، ޑޭޝް8-200ގެ 2 އެއަރކްރާފްޓާއި، ޑީއެޗްސީ-6 ޓްވިން އޮޓަރގެ 11 އެއަރކްރާފްޓް ހިމެނެއެވެ. މީގެ އިތުރުން ނެރޯބޮޑީގެ އެއަރބަސް އޭ320 އެއަރކްރާފްޓަކާއި ވައިޑްބޮޑީގެ އެއަރބަސް އޭ330 އެއަރކްރާފްޓެއްވެސް އެ އެއަރލައިންގެ ފްލީޓުގައި ހިމެނެއެވެ.