މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ 7 މީހަކާއި އިންޑޮނޭޝިއާގެ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ އެއްޗަކާ އެކުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވަނީ ބައިވެރިވެފައެވެ.
ހައްޔަރުކުރެވުނު އިންޑޮނޭޝިއާގެ ރައްޔިތުންނަކީ 30 އަހަރުގެ ނަސްވަން އާދިލްއާއި، 25 އަހަރުގެ އެޑްރިއަންސަޔާއާއި، 30 އަހަރުގެ މުޙައްމަދު އިޤްބާލް މަކްރޫމް އެވެ. އަދި އިންޑިއާގެ ރައްޔިތުންގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ ޕްރަބާކަރަން ނަގަރާޖަން، 58 އަހަރުގެ ރޯމަންސް ސަންތިޔާ ފެނާންޑޯ، 22 އަހަރުގެ ގަނޭޝް ބޮމްމާލީ، 22 އަހަރުގެ ޑަތުކިލޭ ދަރްޝަން ވިޖޭ، 28 އަހަރުގެ ޕީޓާ ވިނީ، 28 އަހަރުގެ ސަރަން ޕަދްމަން އަދި 30 އަހަރުގެ ގޯސިކް ރާޖް ޖޭމްސް ނޮކްސް އެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 5 މީހަކު 5 ދުވަހަށް އަދި 5 މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އެއް ދުވަހަށް ބަންދުކުރި މީހުންގެ ތެރެއިން އެކަކު އިތުރު 3 ދުވަހަށް އަދި 4 މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.