މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގައި ކުލަބޮކި ޖަހައި މުޅި މާލެ އޭރިޔާ ދިއްލާލުމަކީ، މާލޭގެ މޭޔަރުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު، އޭރުގެ ސަރުކާރުގެ އުނދަގޫތަކާއި ދުއްތުރާތަކުގެ ތެރެއިންވެސް ކުރެވުނު ޗާލު މަސައްކަތެއްކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި ގޮތުގައި، މިއަހަރު އަލުން މި މަސައްކަތް ކުރިއަށްދަނީ ސަރުކާރުން ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސިޓީޒް މިނިސްޓްރީން ފަށާފައިވާ މަސައްކަތެއްގެ ގޮތުގައެވެ. އަދި މާލެ ސިޓީ ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މި މަސައްކަތުގައި ކައުންސިލްގެ އެހީތެރިކަން ލިބޭނެ ކަމުގައި މިނިސްޓަރަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރުގެ ޢީދު ދުވަސްވަރު ރާއްޖޭގެ ކޮންމެ އަތޮޅަކުން 2 ރަށެއްގައި ޢީދު ދިއްލުންތައް ދިއްލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ހއ. އަތޮޅުން ހޯރަފުށި އަދި އިހަވަންދޫ، ހދ. އަތޮޅުން ނޮޅިވަރަމް އަދި ހަނިމާދޫ ފަދަ ރަށްތައް ހިމެނެއެވެ.
ޢީދަށް ރާއްޖެ ދިއްލާލުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައެވެ. މި މަސައްކަތަކީ ރަށްރަށުގެ ޢީދު ފާހަގަކުރުމުގެ ކުލަގަދަކަން އިތުރުކޮށް، ރައްޔިތުންގެ މެދުގައި އުފާވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއްކަން ފާހަގަކުރެވެއެވެ.