މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމުކުރާ ފެނުގެ ވިއުގައިން 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެ: އެމްޑަބްލިޔުއެސްސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމުކުރާ ފެނުގެ ވިއުގައިން 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެ: އެމްޑަބްލިޔުއެސްސީ

މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމުކުރާ ފެނުގެ ވިއުގައިން 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މަތީން ވިދާޅުވި ގޮތުގައި، މިހާރު ވަނީ ފެނުގެ ވިއުގަ ޤާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް، ދެ ކޮޅުން ގުޅާލާފައެވެ. އަދި މިވަގުތު ވަގުތީ ގޮތުން ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 3،000 ޓަނުގެ ފެން ދައުރުކުރެވެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މުޅި ނިޒާމަށް ބަލާއިރު ޕަމްޕް ސްޓޭޝަން ޤާއިމުކުރަންޖެހޭ. ޕަމްޕް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ. ޕަންޕް ސްޓޭޝަން ނިމުމުން ޕަމްޕްތައް ބަހައްޓައި، އެ ތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހޭނެ،" މަތީން ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއްވާ ގޮތުގައި މި އަހަރުގެ މެދުތެރޭގައި، ޖުލައި ނުވަތަ އޮގަސްޓް މަހު ފެނުގެ ވިއުގައިގެ ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފުރަތަމަ ފެށިފައިވަނީ 2018 ވަނަ އަހަރުގައި ނަމަވެސް، މިދިޔަ ސަރުކާރުގެ ދައުރުގައި އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށް ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢު ފުރިހަމަވުމުން، މާލެއާއި ހުޅުމާލެއާ ދެމެދު 20،000 ޓަނުގެ ފެން ދައުރުކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މިއީ ދެ ރަށުގެ ފެނުގެ ޚިދުމަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން