ގެވެށި އަނިޔާ އަދި ޖެންޑާ ބޭސްޑް ވަޔަލެންސްގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ހިޔާއެއް އައްޑޫ ސިޓީ ހިތަދޫގައި އަޅައިދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިއަދު އިޢުލާން ކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ބީލަން ހުޅުވާލާފައިވަނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށެވެ. މި ބީލަމަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ކުރިއަށް ގެންދެވޭ ބީލަމެކެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވިގެންދާނެއެވެ.