ދިރިއުޅެމުން އަންނައިރު އަބަދުވެސް ކަންކަން ކުރިމަތިވާނެއެވެ. ޙައްލަކީ އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަންކަން ކަމުގައި ޤަބޫލުކޮށް އެކަންކަން ޙައްލުކުރަން އަމިއްލައަށް މަސައްކަތްކުރުމެވެ. ކުޑަކޮށް އުނދަގޫވިނަމަވެސް ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަށް ކަންކަން ޙައްލުކުރެވޭނީ ތިމާގެ އަމިއްލަ ވިސްނުމުން ކަންކަން ޙައްލުކުރަން މަސައްކަތްކޮށްގެންނެވެ.
ކިރިޔާ ކަމެއް ކުރިމަތިވާއިރަށް އެކަމެއްގެ ވާހަކަ އެހެން މީހުންނަށް ކިޔައިދީ ލަފައަށް އަހަންޖެހޭ ސބަބަކީ ފޮތް ނުކިޔާތީއެވެ. ޢިލްމުވެރިން ވިދާޅުވެފައި ހުންނަ ބަސްފުޅުތައް އަޑުނުއަހާތީއެވެ. އަމިއްލަ ވިސްނުން މުއްސަނދިކުރަން މަސައްކަތްނުކުރެވޭތީއެވެ.
މިޘާލެއް ބުނެލާނަމެވެ. ފިރިމީހާގެ މައްސަލައެއްގައި ރަނގަޅު އެކުވެރިއެއްގެ ގާތުގައި ލަފައަކަށް އެހިނަމަވެސް އޭނާ ބުނެދޭނީ އޭނާއާއި އޭނާގެ ފިރިމީހާ އާއި ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ޙައްލުކުރަން ޢަމަލުކުރިގޮތެވެ. އެގޮތަށް ޢަމަލުކުރުމުން އޭނާގެ މައްސަލަ ޙައްލުކުރެވުނު ކަމަށްވެސްވެދާނެއެވެ.
އެކަމަކު ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ. އޭނާގެ ފިރިމީހާ އާއި ތިބާގެ ފިރިމީހާ އާއި ދެމީހުންގެ ވިސްނުމާއި މިޒާޖާއި ބޭނުންވާ ގޮތް އެއްގޮތް ނޫންނަމަ އެކުވެރިޔާ ބުނި ގޮތަށް ކަންކަން ކުރުމުން ތިއަ ދެމަފިރިންގެ މެދުގައި ޖެހިފައި އޮތް މައްސަލަ ޙައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ފަހަރެއްގައި އެގޮތަށް ޢަމަލުކުރުމުން މައްސަލަ ޙައްލުވުމުގެ ބަދަލުގައި ކަންކަން އިތުރަށް ގޯސްވެސްވެދާނެއެވެ.
ތިބާގެ ފިރިމިހާގެ މިޒާޖާއި އޭނާގެ ވިސްނުމާއި ބޭނުންވާ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ތިބާއަށެވެ. ވީމާ މައްސަލަ ޙައްލުކުރަން ފުރަތަމަ މަސައްކަތްކުރަންވާނީ ތިބާގެ ވިސްނުމުންނެވެ. އެހްން މީހަކާއި ޙިއްޞާކުރަންވާނީ ތިބާގެ ވިސްނުމުން މަސައްކަތްކޮށް ޙައްލުނުކުރެވުނު ނަމައެވެ. ވީމާ މަގުކުރުކޮށްލައި ފުރަތަމަ ކަމަކަށް އެހެން މީހުންގެ ޚިޔާލަށް ޢަމަލުކުރަން ނުވިސްނާށެވެ!
- އަލަފް / މިއަދުނޫހަށް