ކުރިއަށް މިދަނީ އަހަރުގެތެރޭގައި މީސްތަކުންނާއި ބައްދަލުކުރާނެ އެންމެ މަތިވެރިކަންބޮޑު ރޭތަކެވެ. ﷲ ތަޢާލާގެ ރަޙްމަތުން ފުރިގެންވާ ރޭތަކެވެ. މިރޭތަކުގައި އެންމެ ގިނައިން ކުރަން އޮތް ކަމަކީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރުންކަމަށްވާތީ ގިނަ ބައަކު ދަނީ ދުޢާކުރަމުންނެވެ.
އެހެންވެ ބުނެލަން އޮތީ ފުރަތަމަ ކަމަކަށްވެސް އެންމެންނަށް މާފުކުރާށެވެ! މާފަށް ނުއެދުނަސް މާފުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި މިފަދައިން ދަންނަވާށެވެ! "ޔާ ﷲ! މިއަޅާއަށް އަނިޔާވެރިވި އެންމެންނަށް މިއަޅާ މާފުކޮށްފީމެވެ. ހަމައެކަނި އިނބަ ﷲ ގެ ޙަޟްރަތުން މިއަޅާއަށް ރަހްމަތް ލެއްވެވުން އެދިގެންނެވެ. މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫކޮށްދެއްވަވާނދޭވެ!"
ބައެއް މީހުންނަކީ ވިސްނާނުލައި ތިބެ މީހުންނަށް ދެރަދޭ މީހުންނެވެ. ގެއްލުންދޭ މީހުންނެވެ. ހިތުގައި ޖައްސުވާ މީހުންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ކިތަންމެ ބޮޑު ދެރައެއް ދިން މީހަކުނަމަވެސް އަދި ކިތަންމެ ބޮޑަށް ހިތުގައި ޖެއްސުވި މީހަކު ނަމަވެސް ތިބާގެ ކިބައިން މާފަށް އެދިއްޖެނަމަ އެމީހަކަށް މާފުކުރާށެވެ! އަދި މާފަށް ނުއެދުނަސް މާފުކުރާށެވެ!
އޭނާގެ ކިބައިން ކުރިން ކުރިމަތިވި މައްސަލައަށް ބަލައި އެމީހަކާއި ކުރިން ބޭއްވިފަދަ ގާތް ގުޅުމެއް އެވަރަށް ނުބޭއްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މާފުކޮށް ހިތްހެޔޮކުރާށެވެ!
މީސްތަކުންނަށް މާފުކުރާ މީހަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވާނެތެވެ. ވީމާ އެމަތިވެރި ނިޢުމަތް ލިބިގަތުމަށްޓަކައިވެސް މީސްތަކުންނަށް މާފުކުރާ މީހަކަށްވާށެވެ!
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން