މަރުވެފައިވާ މައްޔިތާގެ މޫނު މަޙްރަމު ނޫން މީހުން ބެލުމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
މަރުވެފައިވާ މައްޔިތާގެ މޫނު މަޙްރަމު ނޫން މީހުން ބެލުމުގެ ޙުކުމް-

ބަލިޙާލުގައި މީހުން އުޅޭއިރު ނުވަތަ އެނދުމަތިވެފައި ތިބޭއިރު ޙާލު ބަލައި އުޅެނީ މަދުމީހަކު ކަމަށް ބުނަން ޖެހެނީ ހިތާމައާއިއެކުގައެވެ. ނަމަވެސް މަރުވެއްޖެކަން އެނގިއްޖެނަމަ މޫނުބަލަންދާން އަވަސްވެގަނެއެވެ. އެކަން އެކުރަނީ ތިމަންނާއަކީވެސް އޭނާގެ ގާތް ނުވަތަ ހެޔޮ އެދޭ މީހަކުކަން އަންގަން ކަމަށްވެދާނެއެވެ.  

އޭނާ ބަލިޙާލުގައި އުޅުނުއިރު ޒިޔާރަތްކޮށް ޙާލުބަލައި ހެޔޮ ދުޢާކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤަކަށްވާއިރު އެ ޙައްޤު އަދާނުކޮށްފައި އޭނާ މަރުވުމުން މޫނުދެކެން ދިއުމުން ތިމާ އަދާކުރަންޖެހޭ ޙައްޤު އަދާކުރެވުނު ކަމަށްވާނެ ހެއްޔެވެ؟  

ކޮންމެއަކަސް މަރުވުމުން ކަށުނަމާދުގައާއި ޖަނާޒާގައި ބައިވެރިވެ ހެޔޮދުޢާ ކުރުމަކީ އެކަމުން ފައިދާކުރާނެ ކަމެކެވެ. އަނެއްކާވެސް ހިތާމައާއިއެކު ފާހަގަކުރަންޖެހެނީ މޫނުދެކެންދާ ބައެއް މީހުން ކަށުނަމާދާއި ޖަނާޒާގައި ބައިވެރިނުވާކަމެވެ. ވީމާ މިއީ އިޞްލާޙްކުރަންޖެހިފައިވާ އާދައެކެވެ.  

މައްޔިތާގެ މޫނު ބެލުމާއިމެދު ޝައިޚް މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ މިފަދައިންނެވެ.  

އާދެ، މަރުވީމަވެސް ހަމަ އެ މަޙުރަމުން މަޙުރަމުންނަށް ވާނީ. މަޙްރަމު ނޫން މީހުން އެއީ މަޙްރަމުންނެއް ނޫން މަރުވުމަށް ފަހުގައިވެސް. އެކަން ސާބިތުވަނީ އަޢިޝަތިގެފާނު، އެކަމަނާގެ ކޮޓަރިކޮޅުގަ ﷲ ގެ ނަބިއްޔާ ފަސްދާނު ވެޑުވުނީ. ފަސްދާނު ލެއްވުނީ އެކަމަނާގެ ކޮޓަރި ކޮޅުގަ. ދެން އެކަމަނާގެ ބައްޕާފުޅު އަބޫބަކުރުގެ ފާނު. އެކަލޭގެފާނުވެސް ފަސްދާނުލެވުނީ އެކަމަނާގެ ކޮޓަރިކޮޅުގެ ތެރޭގަ. ﷲ ގެ ނަބިއްޔާގެ މަހާނަފުޅު ކައިރީގައި. 

އޭރު އެކަމަނާ ވެދެވަޑައިގެންނަވަނީ މޫނު ނިވާނުކުރައްވާ ކޮޓަރިކޮޅަށް. އެއީ ބައްޕާފުޅާއި ﷲ ގެ ނަބިއްޔާ އާއި ހަމައެކަނި އޮތް އިރުގައި. އެކަމަކު ޢުމަރުގެފާނުގެ އެތާންގަ ފަސްދާނު ލެވުމުން އެކަމަނާ ކޮޓަރިކޮޅަށް ވެދެވަޑައިގެންނަވަނީ މޫނު ނިވާ ކުރައްވައިގެން. ވިދާޅުވަނީ މިހާރު މިތިބީ ތިމަންނަގެ ދެ މަޙުރަމުން އެކަންޏެއް ނޫނެވެ. އިތުރު މީހަކުވެސް މިހާރު މިއޮތީއޭ މިތަނުގައި. އެހެންވީމަ ތިމަންކަމަނާ މިހާރަކު ދެން ކޮޓަރުކޮޅަކަށް ވެދެ ވަޑައެއް ނުގަނަވާނަމޭ މޫނު ނިވާ ނުކުރައްވައެއް.  

އެހެންވީމާ މަރުވުމަށް ފަހުގައިވެސް މަޙުރަމުން ވާނީ މަޙުރަމުންނަށް. މަޙުރަމް ނޫން މީހުންނަށް މަޙުރަމުންނެއް ނޫން އެއީކީއެއް. އެހެންމަ މޫނު ބަލާއިރުގަވެސް އެއީ ހިލޭ ފިރިހެނުންގެ މޫނު ހިލޭ އަންހެނުން ބަލައިގެން ނުވާނެ. ހަމަ އެފަދައިން ހިލޭ އަންހެނުންގެ މޫނު ހިލޭ ފިރިހެނުން ބަލައިގެންނެއް ނުވާނެ. ގާތްތިމާގެ މީހުން ބަލަންޖެހޭނީ. ގާތް ތިމާގެ މީހުން އެއީ ކައިވެނި ހެޔޮ ނުވާ މީހުން. ފިރިހެނުންގެ ތެރެއިން ކައިވެނި ހެޔޮ ނުވާމީހުން ދެން އަންހެންވެރިން.  

އެއީ ކުރީ ޒަމާނުގައި، ﷲ ގެ ނަބިއްޔާގެ ޒަމާނުގައި ކޮންމެހެން މޫނު ބެލުމެއް ނެތް. އޭރަކު އެ ސާބިތުވާ  ކަންކަމެއް ނޫން އެއީކީއެއް. ދެން ކުރީންސުރެ ކަންތައްތައް ދެމިގެން އައި ގޮތެއް އެއީ މީހުން އެގޮތަށް މަރުވީމާ މޫނު ދައްކައިލުން އެންމެ ފަހު ވަޤުތުގައި. އެއީ ވަރަށް ކުރީންސުރެ ކުރަމުން އަންނަ ކަމެއް މީހުން. އަނެއްގޮތަށް ސުންނަތުން ސާބިތުވާ ކަމެއް ނޫން އެއީކީއެއް މޫނު ދައްކާށެކޭ މަރުވީމަކާއެއް. އާ އެއީ ސީދާ ސުންނަތުން ސާބިތުވަ ކަމެއް ނޫން. އެއީ ދެން ކުރީއްސުރެ މީހުން ކުރަމުން އަންނަ ކަމެއް ރިވާޖެއްގެ ގޮތުގައި. ދެން ކުރަމުން އެ އަންނަނީ އަދިއަދާ ޖެހެންދެންވެސް އެކަންތައް. 

ދެން އެ ހުއްދަ ގޮތުގައެއް ނޫން ބައެއްފަހަރު އެ ކުރެވެނީ. މިސާލަކަށް ހަމަ ހިލޭ އަންހެނަކު މަރުވެފަ އޮންނަ އިރުގަ، އޭނަ މޫނު ބަލަން ހިލޭ ފިރިހެނުންވެސް އެބަވަދޭ. އެ ހުއްދައެއް ނުވާނެ ކޮންމެ ގޮތެއް ވިޔަސް. އޭނަ އެއޮތީ މަރުވެފައެއް ނޫންހޭ، އޭނާއަށް ކޮން އަސަރެއްހޭ ކުރާނީ އޭގަ. އެ އަސަރު ނުކުރިއަކަސް އެ ހަމަ ހިލޭ އަންހެނެއް އޭނައަކީ. ހިލޭ އަންހެނެއް އޭނައަކީ. ހަމަ މަރުވުމަށް ފަހުގައިވެސް އެ ހުކުމް އިންނާނެ ހަމަ. އެ ޙުކުމް އިންނާނެ މަރުވުމަށް ފަހުގައިވެސް. އެހެންމަ ހިލެ ފިރިހެނުންނަކަށް އޭނަގެ މޫނެއް ނުބެލޭނެ. އާދެ، ދެން އަންހެނުން ދެން މިސާލަކަށް. އަންހެނުންނަށްވެސް އަސްލުގަ ނުވެއް ބެލޭނެ، އެކަމަކު އަންހެނުންނަށް ތަންކޮޅެއް ލުއި އެ މައްސަލަ، މި ފިރިހެނުންގެ މޫނު ބެލުން މިސާލަކަށް. އަންހެނުންގެ މޫނު ފިރިހެނުން ބެލުމަށްވުރެ ފިރިހެނުންގެ މޫނު އަންހެނުން ބެލުން ތަންކޮޅެއް ލުއި ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވަނީ. އާދެ، އެއީ ފިތުނަ ތަންކޮޅެއް ކުޑަވާނެ. ފިތުނަ ކުޑަވީމަ ލުއިވެސް ވެފަ އޭނީ. އެހެންވީމާ އަންހެނުން މިސާލަކަށް ފިރިހެނަކު މަރުވީމާ އަދި މަޙުރަމުން ނޫން ކަމުގައި ވިޔަސް ތިމާގެ މީހުން. ދެން އެ މޫނު ބަލައިލުމުގަ އެހާ ބޮޑު މައްސަލައެއް ނެތް އަންހެނުން. އެހެންނަމަވެސް އަންހެނަކު މަރުވެފަ އޮންނައިރުގައި ހިލޭ ފިރިހެނުން އެތަނަށް ވައްދައި އޭނާގެ މޫނު ދައްކައިގެންނެއް ނުވާނެ އަސްލުގަ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން