މައިންބަފައިން ނުރުހޭ ގޮތަށް ދަރިން ކަންކަން ކުރާނަމަ ބަސްބުނާނެއެވެ. އަދި ކަންކަންވެސް ކުރާނެއެވެ. އެއީ ދަރިން ދެކެ ލޯބިނުވާތީއެއް ނޫނެވެ. ލޯބިވާވަރު ބޮޑުކަމުން ދަރިންގެ ކަންކަން ކަންކަން އިޞްލާހްކުރަން އެދޭތީއެވެ.
އެކަން އެނގެނީ ދަރިންނަށް ކަންކަން ދިމާވުމުން މައިންބަފައިން އެކަމެއްގައި ޝާމިލުވެ ދަރިންނަށްޓަކައި ޤުރްބާންވާތީއެވެ. އެމީހުންގެ އަމިއްލަ އުފާތައް ޤުރްބާން ކޮށްފައި ދަރިންނަށް އަބަދުވެސް އެހީތެރިވެދޭތީއެވެ.
މައިންބަފައިން އެމީހުންނަށް ފެންނަ، އެމީހުންނަށް ވިސްނޭ ގޮތަށް ނަޞޭޙަތް ދިނުމުން އެމީހުންގެ ހިތުގަ ޖެހޭފަދަ ބަހެއް ނުބުނާށެވެ. ދުނިޔެއަށް އުފަންވީންސުރެ އެހީތެރިވެދީ ބަލައި ބޮޑުކުރަނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމުގެ އަގު ވަޒަންކުރަންވާނެއެވެ.
ވީމާ މައިންބަފައިން ދަރިން ނުރުހޭ ފަދަ ބަހެއް ބުނި ނަމަވެސް އެމީހުންނާއިމެދު ނުބައިކޮށް ދެކެ ނުބައި ޢަމަލު ކޮށްގެން ނުވާނެއެވެ. މޫނުމަތީގައި ޖަދަލުކޮށް ޒުވާބުކޮށްގެން ނުވާނެއެވެ. މައިންބަފައިން ގޯސްކޮށް ކަމެއް ކުރިޔަސް ޖަދަލުކޮށް ޒުވާބުކުރުމަކީ ކުރެވޭ ފާފައެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! މައިންބަފައިންނަކީ މުސްލިމުން ކަމުގައި ނުވެއްޖެނަމަ ﷲ ތަޢާލާގެ އިންތަކުން ބޭރުން ބަހެއް ބުނިނަމަވެސް ހަމައެކަނި ކުރަން އޮތް ކަމަކީ އެކަން ބަލައިނުގަތުމާއި އެކަމަކަށް ޢަމަލުނުކުރުމެވެ. ވާހަކަދައްކަން އޮތީ މަޑުމައިތިރިކަމާއިއެކުގައެވެ. އެހެންކަމަށްވާއިރު މުސްލިމް މައިންބަފައިން ހެޔޮ ނަޞޭޙަތެއް ދިނުމުން އެމީހުންގެ މޫނުމަތީގައި ޒުވާބުކޮށް ނުބައި ބަސްތައް ބުނަން ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟ ނަމަނަމަ އެފަދަ ކަމެއް ނުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން