އަހުރެމެންގެ ދިރިއުޅުމަށް ބަލާށެވެ! އަބަދުވެސް ހިތުގައި ވެރިކަންކުރާނީ އެމީހަކު އެކަމަކަށް ލޯބިކުރާ ކަމެކެވެ. މީހަކު ދެެކ ލޯބިވެގެން އުޅޭއިރުވެސް އެމީހަކަށް އެހައި ބޮޑަށް ސަްމާލުކަން ދެވޭ ސަބަބަކީ އެއީއެވެ. އެއިރު ތިމާގެ އަމިއްލަ ބޭނުންތައް ނުފިއްދައިހުރެވެސް ލޯބިވެރިޔާގެ ބޭނުންތައް ފުއްދައިދޭން ގަދައަޅައި މަސައްކަތްކުރާނެއެވެ. އެއްބަސްވިޔަސް ނުވިޔަސް ކައިވެނިކުރެވުމުން ބައިވެރިޔާދެކެ ފޫހިވެވެނީ އޭނާގެ މައްޗަށް ހިތުގައި އޮންނަ ލޯބި ކުޑަވުމުންނެވެ.
ކޮންމެއަކަސް އަހުރެމެން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ތިމާގެ ހިތުގައި ރަސްކަންކުރަނީ ﷲ ތަޢާލާއަށާއި އެކަލާނގެ ބާވައިލެއްވެވި ދީނަށް އޮތް ލޯބިކަމުގައި ހެދުމަށެވެ. އެގޮތަށް އެކަން ކުރެވިއްޖެނަމަ ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެވުން ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
ރަނގަޅަށް ވިސްނާށެވެ! ދުނިޔޭގެ އެދުން ބޮޑުވެ މާއްދިއްޔަތަށް ގެއްލި ހުސްވުމުން އިސްލާމް ދީނާއިމެދު ދެކެވޭ ގޮތް ތަފާތުވެގެންދެއެވެ. އެންމެ ބޮޑަށް ބޭނުންވަނީ ރަނާއި ޖަވާހިރާއި ފައިސާކަމުގައިވެގެންދެއެވެ. ނަމަވެސް އެމީހެއްގެ ހިތުގައި ﷲ ތަޢާލާ އާއިމެދު ފުރިހަމަ ގޮތުގައި ލޯބި އުފެދިފައިވާނަމަ އެމީހެއްގެ ވިސްނުން މުޅިން ތަފާތުވާނެއެވެ.
ބުއްދިވެރިއަކު ވިދާޅުވެފައިވަނީ މިފަދައިންނެވެ.
އަހުރެންގެ ވިސްނުމުގައި ކާބަފައިންގެ ކިބައިން ވާރުތަވި އެންމެ އަގުބޮޑު އެއްޗަކީ އިސްލާމް ދީނެވެ. ބިޔަ ރަންފަރުބަދައަކަށްވުރެ އަހުރެންގެ ކުރިމަތީގައި އިސްލާމްދީނުގެ އަގު މާބޮޑެވެ! މީހެއްގެ ހިތުގައި އިސްލާމް ދީނަށް ލޯބި ނެތިއްޖެ ނަމަ ކުޑަކުޑަ ރަންކޮޅެއް ކީއްކުރަން، ކުޑަ ރިހިކޮޅެއްގެ އަގުވެސް މާބޮޑުވެދާނެއެވެ! ނަމަވެސް އެމީހާގެ ހިތުގައި އިސްލާމް ދީނަށް ލޯބި އޮތްނަމަ އެމީހާއަށް މުހިންމުވާނީ އިސްލާމް ދީނެވެ. ދުނިޔޭގައި ހުރި ހުރިހާ ފަރުބަދަތައް ރަނަށް ބަދަލުވެ ރަންފަރުބަދަތަކަކަށް ވެގެން ދިއަ ނަމަވެސް އިސްލާމް ދީނާއި އަޅުވައިފިނަމަ އެ ފަރުބަދަތަކުގެ އެއްވެސް އަގެއް ނުހުންނާނެއެވެ.
ވީމާ ކާބަފައިންގެ ކިބައިން ވާރުތަވި ރަނާއި ޖަވާހިރުތައް މުހިންމުވެފައި އިސްލާމް ދީން ނިކަމެތިވެއްޖެ ނަމަ އެމީހާގެ އެއްވެސް އަގެއް އަހުރެންގެ ކުރިމަތީގައި ނުވެއެވެ!
ތިލަކޮށްލާނަމެވެ! ރަނާއި ޖަވާހިރުތައް ތިޖޫރީގައި ގިނަވުމަށްވުރެ މުހިންމީ އިސްލާމް ދީނެވެ. އެދީނަށް ލޯބިކުރުމެވެ. އެދީން ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރުމެވެ.