40 އަހަރުން މަތިވެފައިވާއިރުވެސް އެއްވެސް ކަމަކަށް ދަތިވެގެން ހުންނަން ނުޖެހޭ އަންހެނަކަށް އެކަން ޙާޞިލުވި ސަބަބު- އޭނާގެ ދުލުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
40 އަހަރުން މަތިވެފައިވާއިރުވެސް އެއްވެސް ކަމަކަށް ދަތިވެގެން ހުންނަން ނުޖެހޭ އަންހެނަކަށް އެކަން ޙާޞިލުވި ސަބަބު- އޭނާގެ ދުލުން-!

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންގެ ތެރޭގައި ދީނީ ޢިލްމްވެރިއަކު ހުރެއެވެ. އެއީ ވަރަށް ހިތްހެޔޮ ބޭކަލެކެވެ. އެކަމަކު ސުވާލު އުފެދޭ ކަމެއް އެބައޮތެވެ. އެއީ ކިތަންމެ ބޮޑުކަމެއް ޖެހިގެން ދެންނެވިޔަސް ދުޢާކުރަން ބުނުއްވައެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ސުވާލުތައް ހިތުގައި އުފެދެއެވެ. އެކަމަކު އަޅުގަނޑަކަށް ސުވާލުކުރާކަށް ނުކުރެއެވެ.

މިއީ ކިޔުންތެރިައކު ވިދާޅުވެފައިވާ ވާހަކައެކެވެ. ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ޢިލްމްވެރިޔާ އެވިދާޅުވަނީ ޙަދީޘްފުޅުގައި އެކަން އެގޮތަށް ކުރަންއޮތީމައެވެ.

Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Let one of you ask his Lord for his needs, all of them, even for a shoestring when his breaks.”

Source: Sunan al-Tirmidhī 3973

Grade: Sahih (authentic) according to Al-Suyuti

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. އެއިރުން ސަބަބާއި އެކަމުންކުރާ ފައިދާގެ ބޮޑުކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ

ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ދުޢާކުރާށޭ ބުނެފިނަމަ މިޒަމާނުގައި ބައެއް މީހުން މަލާމާތްވެސް އެބަކުރެއެވެ. އެކަމާއި ގުޅިގެން ބައެއް ކިޔުންތެރިން ތަފާތު ސުވާލުތައްވެސް އުފައްދައެވެ. އެހެންކަމުން ޖަވާބެއްގެ ގޮތުން ބުނަންއޮތީ އެމީހުން އެކަން އެގޮތަށް ކުރަނީ އެކަމުގެ މުހިންމުކަން ނުވިސްނޭތީއެވެ.

ތިރީގައި އެވަނީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކައިން އެނގިގެންދާ އެންމެ މުހިންމު އެއްކަމަކީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރަން ދަރިންނަށް ދަސްކޮށްދީ އެގޮތުގައި ތަރުބިއްޔަތުކުރުމުގެ ފައިދާއެވެ.

އަހަރެން ކޮންމެ ކަމަކަށް އެދުނު ނަމަވެސް މަންމަ އަބަދުވެސް ބުނަނީ ދުޢާކުރުމަށެވެ! މަންމަ އެގޮތަށް ބުނަންފެށީ ކޮން އުމުރެއްގައިކަން މިހާރަކު ހަނދާނެއް ނެތެވެ. ހަނދާނުގައި ހުންނަ ކަމަކީ އެގޮތަށް މަންމަ ނުބުނާ ދުވަސްވަރެއްގެ ހަނދާން ނެތްކަމެވެ.

ސްކޫލަށް ގެންދަން ޖެހޭ އެއްޗެއް ހޯދައިދޭން ބުނި ނަމަވެސް ދުޢާކުރަން ބުނެއެވެ. ހަވީރު ޕާކަށް ގެންގޮސްދޭން ބުނި ނަމަވެސްމެއެވެ. މީރު ކާއެއްޗެއް ބޭނުންވެގެން ބުނި ނަމަވެސްމެއެވެ.

މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. ކުލަޖައްސަން ފަންސުރުފޮށްޓެއް ގަނެދޭން ބުނި ދުވަހަކުވެސް ބުނީ ދުޢާކުރުމަށެވެ. އެދުވަހު މަންމަ އާއި ސުވާލުކުރީމެވެ. "މަންމާއެވެ! ކުލަފޮށި ގަނެދޭނީ މަންމަ ނޫންތޯއެވެ؟"

ޖަވާބުގައި މަންމަ ބުންޏެވެ! "ކުލަފޮށި ގަންނާނެ ލާރި ދެއްވަވަނީ ﷲ އެވެ. ގަންނަން މަންމައަށް ދެވޭނީ ﷲ އިރާދަކުރައްވަވައިފިނަމައެވެ. ވީމާ ކުލަފޮށި އެލިބެނީ ﷲ ދެއްވެވުމުންނެވެ."

އަހަރެން ސުވާލުކުރީމެވެ! "ބައްޕައަށް ފައިސާ ލިބެނީ ވަޒީފާއަދާކުރާތީނޫންހެވެ؟ ބައްޕަ ކޮންމެ ދުވަހަކު މަސައްކަތުދާތީ ނޫންހެވެ؟"

ޖަވާބުގައި މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ވަޒީފާ ބައްޕައަށް ލިބިފައިއެވަނީ ﷲ މިންވަރުކުރެއްވެވުމުންނެވެ. ބައްޕައަށް ވަޒީފާއަދާކުރަންދެވެނީ ﷲ އިރާދަކުރެއްވެވުމުންނެވެ. ވަޒީފާއަށް ދެވެނީ ﷲ ފުރިހަމަ ޞިއްޙަތުގައި ބައްޕަ ލަހައްޓަވާތީއެވެ. ވަޒީފާއެއް ނުލިބި ކިތައް ބައްޕައިން އެބަތިބިހެއްޔެވެ؟ އަދި ބަލިވެގެން ވަޒީފާއަށް ނުދެވޭ ކިތަށް ބައްޕައިން އެބަތިބި ހެއްޔެވެ؟"

ދެން އިތުރަށް ސުވާލެއް ނުކުރަމެވެ.

މިއަދު އަހަރެންގެ އުމުރަކީ 42 އަހަރެވެ. މަންމަ ދިން ތަރުބިއްޔަތާއި އެއްގޮތަށް ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް މިހާރުވެސް ފުރަތަމަކަމަކަށް ދުޢާކުރަމެވެ. އެކަމުގެ ނަތީޖާ ހާދަ ރަނގަޅެވެ. ﷲ ވާގިފުޅާއިއެކު އެއްވެސް ކަމަކަށް ދަތިވެގެން ހުންނާކަށް ނުޖެހެއެވެ.

--ފާޠިމަތު ޝިރުމީނާ (މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން